ރޭ މާލޭގައި ހިންގި މާރާމާރީގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިރޭ ވިދާޅުވީ، ފިލިގަސްމަގުގައި ހިނގި އެ މާރާމާރީގެ ރިޕޯޓު ލިބިފައިވަނީ ރޭ 10:30 ހާއިރު ކަމަށެވެ. ފުލުހުން އެ ސަރަހައްދަށް ދިޔައިރު މާރާމާރީ ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށެވެ.

އެ މާރާމާރީއާ ގުޅިގެން ތިން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފިލިގަސްމަގުގައި ހިންގި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަނީ މަގު މެދުގައި ހަ މީހަކު ހަމަނުޖެހުން ހިންގައި އަތުންނާއި ފައިން މީހަކަށް ހަމަލާދޭ މަންޒަރެވެ.

އިއްޔެ ހަވީރު އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވެސް ބަޔަކު ވަދެ ވަނީ މާރާމާރީ ހިންގައިފައެވެ. އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާނެޓް އޮފީސް ތެރޭގައި ހިންގި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ހަވީރު 5:48 ހާއިރުއެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.