ޚަބަރު

ޝީޝާގެ ވެރިންނަށް އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ނެގި މީހަކު ފަސް އަހަރަށް ޖަލަށް

މުހައްމަދު އިޝާން

ޝީޝާ ކުންފުނީގެ ތިން ހިއްސާދާރުންގެ އެކައުންޓުން އޮޅުވާލައިގެން 18 މިލިއަން ރުފިޔާ ނެގި މައްސަލައެއްގައި އެ ކުންފުނީގެ މުވައްޒަފެއް ކަމަށްވާ ބ. ތުޅާދޫ، މާފަރިވާގެ، އިބްރާހީމް ޝާހިދު ފަސް އަހަރަށް ޖަލަށްލުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ދައުލަތުން ޝާހިދުގެ މައްޗަށް ކޮށްފައިވަނީ މަކަރާއީ ހީލަތް ހެދުމުގެ ދައުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހ. ޝީޝާވެހި އަހުމަދު ހަސަން މަނިކާއި މއ. ހުޝާމިން އިބްރާހީމް ހުޝާމާއި މއ. ހުޝާމިން ހުސައިން ހުޝާމްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން އެ މީހުންނަށް ނޭނގި، 18،000،000 މިލިއަން ރުފިޔާ، ޝާހިދު އާއި ދަފްތަރު ނަންބަރު 1307 މުހައްމަދު ރަޝީދު އަބްދުއްބާގިރުގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޖޮއިންޓް އެކައުންޓަކަށް ޖަމާކޮށްފައިވާތީއެވެ.

ދައުލަތުން ކުރި ދައުވާއަށް ޝާހިދުގެ ފަރާތުން އިންކާރު ކުރުމުން ދައުލަތުން އެދައުވާ ސާބިތުކުރުމަށްޓަކައި ވަނީ ހެކި ހުށަހަޅައިފައެވެ. އެ މައްސަލަ ފުރަތަމަ ބެލި ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ ޝާހިދުގެ މައްޗަށް ކުށް ޝާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ، ކުށް ސާބިތުނުވާ ކަމަށެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އިސްތިއުނާފުކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައި ކޯޓުން މިއަދުކުރި ހުކުމުގައި ބުނީ، މީހަކަށް އޮޅުވާލައިގެން ކަމަކުން ނުވަތަ އެއްޗަކުން ފައިދާއެއް ހޯދުމަށް ނުވަތަ މީހަކަށް ގެއްލުން ދިނުމަށް ޝާހިދު ކޮށްފައިވާ އަމަލަކީ ކޮބައިކަން ދައުލަތަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވިޔަސް، ޝާހިދު އޮޅުވާލައިގެން އަމިއްލަ މަންފާއެއް ހޯދި ކަމަށާއި އޮޅުވާލީ އެސްބީއައިއަށް ކަމަށެވެ. އެކަމުގެ ސަބަބުން އެ ބޭންކަށް ގެއްލުންވެފައިވާ ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

ހުކުމުގައި ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ހޯދި ހެކިތައް ދައްކައި ފުލުހުން ސުވާލުކުރުމުން ޝާހިދު އާއި އޭނާގެ އަނބިމީހާ ވެސް ހަނުހުރެފައިވާތީ، އެއީ އެ ހެކިތަކުގެ ސައްހަ ކަމުގެ މައްޗަށް ޝަރީއަތުން ބުރަދަން ދޭން ޖެހޭ ހަރުދަނާ ގަރީނާއެއް ކަމަށެވެ.

ފުލުހުން ޝާހިދުގެ ގެއިން ޗެކުތަކެއް ހޯދީ ކޯޓު އަމުރެއް ނެތި ކަމަށާއި އެ ޗެކުތަކުގެ ރިޕޯޓެއް އެކުލަވާލައި އެ ޗެކުގައިވާ ޝީޝާގެ ހިއްސާދާރެއްގެ ސޮއި ފޯޖުކޮށްފައި އޮތްތޯ ބަލާފައި ނެތްކަން ފުލުހުން ފާހަގަކުރި އިރު، ކުރިމިނަލް ކޯޓުން ނިންމީ، ޗެކުތައް ހޯދީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ ރިޕޯޓު އެކުލަވާލީ ބާތިލު އަސާސެއްގެ މައްޗަށް ކަމަށް ހައި ކޯޓުން ބުންޏެވެ.

ނަމަވެސް ކޯޓު އަމުރެއް ނެތި ބަލައި ފާސްކޮށް، ޗެކު ހޯދިކަމަށް ބުނަނީ ހަމައެކަނި ޝާހިދު ކަމަށާއި އެކަމަށް ބުރަދަންދޭނެ އިތުރު އެއްވެސް ހެކިވެރިއަކު ނެތް ކަމަށް ހައި ކޯޓުން ބުންޏެވެ. ޝާހިދުގެ ގެއިން ފުލުހުން ހޯދި ކިތާބީ ހެކި އެއްފަރާތް ކުރިޔަސް ކުށް ސާބިތުކުރުމަށް ހުށަހަޅާފައިވާ އެހެން ހެކިތައް ޝާހިދުގެ ފަރާތުން ނަފީ ނުކުރާކަމަށް ވެސް ހުކުމުގައި ބުންޏެވެ.

އެހެންކަމުން ނަފީ ނުކުރާ ހެކިތަކުގެ މައްޗަށް ބުރަވެ ޝާހިދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި ޝާހިދު ފަސް އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފައެވެ.

މަކަރާއީ ހީލަތް ހެދުމުގެ ކުށުގެ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށްލުމަށެވެ. ނަމަވެސް ޝާހިދުގެ މައްޗަށް ސާބިތުވި މައްސަލައިގައި ފައިސާގެ ބޮޑެތި އަދަދުތަކެއް ހިމެނޭތީ ވަނީ ތިން ދަރަޖަ މަތިކޮށް ފަސް އަހަރާއި ހަތް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ޝާހިދު މި މައްސަލައިގެ ތަހުގީގަށް ބަންދުކޮށްފައިވާތީ ހުކުމުން ފަސް މަސް އުނިކުރާނެއެވެ.

މި މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ، ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު، މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ނިޔާޒުއެވެ.