އިނގިރޭސި ބިލިއަނަރެއް ކަމަށްވާ ސާ ޖިމް ރެޗްކްލިފް، މެންޗެސްޓާ ޔުނައިޓެޑްގެ ހިއްސާ ގަންނަން ތައްޔާރަށް ހުރި ކަމަށް އޭނާގެ ފަރާތުން ބުނެފިއެވެ.

އުމުރުން 69 އަހަރުގެ ރެޗްކްލިފް ޔުނައިޓެޑުގެ މެޖޯރިޓީ ހިއްސާ ގަންނަން ތައްޔާރަށް ހުރިކަން އިއުލާންކުރީ ވިޔަފާރި ނޫހެއް ކަމަށްވާ ބްލޫމްބާގު މެދުވެރިކޮށް، ޔުނައިޓެޑުގެ މިހާރު ވެރިން ކަމަށްވާ ގްލޭޒާސް އާއިލާއިން، ކްލަބުގެ ހިއްސާ ވިއްކާނެކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެހެންނަމަވެސް އެމެރިކާގެ ގްލޭޒާސް އާއިލާއިން އިއުލާން ކޮށްފައިވަނީ މައިނޯރިޓީ ހިއްސާ ވިއްކާނެ ކަމަށެވެ.

ރެޗްކްލިފާ ހަވާލާދީ އޭނާގެ ތަރުޖަމާނު ބުނެފައިވަނީ ޔުނައިޓެޑް ވިއްކާ ނަމަ، އެ ކްލަބު ގަންނަން ތައްޔާރަށް ތިބި ކަމަށެވެ. ހާއްސަކޮށް ކްލަބުގެ ހިއްސާ އެއްކޮށް ގަނެ، ދިގު މުއްދަތަކަށް ކްލަބު ހިންގުމާ ހަވާލުވާންވެސް ރެޗްކްލިފް ތައްޔާރަށް ހުރި ކަމަށް ތަރުޖަމާނު ބުނެފައިވެއެވެ.

މިހާތަނަށް 20 ފަހަރަށް އިނގިރޭސި ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑަށް މިއީ އުނދަގޫ ދުވަސްކޮޅެކެވެ. 2013 ވަނަ އަހަރު ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރިފަހުން އަދި އެ ކްލަބަށް އެންމެ އެކަށޭނެ ކާމިޔާބީއަކާ ހަމައަށް ވާސިލުވެވިފައެއް ނުވެއެވެ. އިނގިރޭސި އެންމެ ތާރީހީ، އަދި އެންމެ ކާމިޔާބު އެއް ކްލަބު ޔުނައިޓެޑަށް ކްލަބު ހިންގުމުގައި އުނދަގޫތަކާ ކުރިމަތިވެފައިވުމާއެކު އެކަމުގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ 2005 ވަނަ އަހަރުން ފެށިގެން ކްލަބުގެ ވެރިންގެ ގޮތުގައި ތިބި އެމެރިކާގެ ގްލޭޒާ އާއިލާއަށެވެ.

ގްލޭޒާ އާއިލާއާ ދެކޮޅަށް ކްލަބު ސަޕޯޓަރުން ގިނަ ފަހަރުތަކެއްގެ މަތިން މުޒާހަރާކޮށް އަޑުއުފުލާފައިވެސް ވެއެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައިވެސް ޔުނައިޓެޑް ސަޕޯޓަރުން ވަނީ ގްލޭޒާސްއާ ދެކޮޅަށް މުޒާހަރާތައްކޮށް، މެޗެއްވެސް ހުއްޓުވާލައިފައެވެ. އަދި ބެލެވޭ ގޮތުގައި މި ސީޒަންގެ ދަށް ފެށުމާ ގުޅިގެންވެސް ޔުނައިޓެޑުގެ ވެރިންނާ ދެކޮޅަށް މުޒާހަރާ ކުރަން މިހާރު ދަނީ ސަޕޯޓަރުން ތައްޔާރުވަމުންނެވެ.

ޔުނައިޓެޑުން މިހާތަނަށް ސީޒަނުގައި ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާ އިރު، އެންމެ ބޮޑު މާޔޫސްކަމެއް ކުރިމަތިވަމުންދަނީ ނާކާމިޔާބު ޓްރާންސްފާތަކުގެ ސަބަބުންނާއި ޓީމުގެ އެތެރޭގެ މައްސަލަތަކުގެ ސަބަބުންނެވެ. މިހާރު ހާލަތު އޮތް ގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯވެސް މަސައްކަތް ކުރަމުން ދަނީ ކްލަބު ދޫކޮށްލުމަށެވެ.

ޔުނައިޓެޑް ގަންނަން ޝައުގުވެރިވި ރެޗްކްލިފްއަކީ ކެމިކަލް ގްރޫޕް އިނެއޯސްގެ އެންމެ ބޮޑު ހިއްސާދާރެވެ. އޭނާ އަތުގައި މިހާރުވެސް ފްރާންސް ކްލަބު ނީސްގެ އިތުރުން ސްވިޒަލޭންޑްގެ ކްލަބެއް ކަމަށްވާ ލައުސޭން ސްޕޯޓްސް އޮވެއެވެ. ޗެލްސީ ވިއްކާލަން ރޯމަން އަބްރަމޮވިޗް އިއުލާން ކުރުމުން 4.25 ބިލިއަން ޕައުންޑްގެ ބިޑެއް ރެޗްކްލިފް ހުށަހެޅި ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ.

ޗެލްސީ ގަތުމަށް ރެޗްކްލިފް މަސައްކަތް ކުރި ނަމަވެސް އޭނާއަކީ އަބަދުވެސް ޔުނައިޓެޑްގެ ސަޕޯޓަރެކެވެ.