އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ބަރުލަމާނީ ނިޒާމުގެ ކަންކަން ހަމަހަމަކަމާ އެކު ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު, ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާގައި ނަޝީދު ވަނީ ރައީސް ސޯލިހު، އެމްޑީޕީ ގޮފިތައް މަސްހުނި ކުރެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ފުރޮޅާލަން ކުރައްވާ މަސައްކަތުގެ ފެށުން އޮތީ އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ގައުމީ ކޮންގްރެސްއިން ކަމަށާއި އެހެންވެ އެކަން ހުއްޓުވުމަށް ކޮންގްރެސްއަށް މަންދޫބުން ކަނޑައެޅުމުގައި ޕާޓީގެ ގޮފިތައް މަސްހުނި ކުރަމުން ގެންދާ ކަމަށެވެ. އަދި ވިދާޅުވީ، ވަކި ކަމެއް ހާސިލުކުރަން ގޮފިތައް މަސްހުނިކޮށް އޮޅުވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަށްވެސް އިލްތިމާސް ދަންނަވަން ފެއާޕްލޭ އޮންނަން ޖެހޭނެ. ހަމަހަމަކަން މަތީގައި، އަޅުގަނޑާ ވާދަކުރައްވައިގެން ނުވާނެ އެއްކޮޅުން އޮޅުވާލައްވައިގެން. އަޅުގަނޑަކީ ކަންކަން އޮޅުވާލާ މީހެއް ނޫން. ސާފު ސާދާކޮށް ހުރިހާ ބޭފުޅުންވެސް އަޅުގަނޑާ ވާދަކުރަންވަން ޖެހޭނީ. އަދި އަޅުގަނޑަކީ ރުޅިވެރިކަމާ ނުލައި ހަސަދައަކާ ނުލައި ހަމަ ސާދާ ގޮތުގައި ވާދަކުރަން ވަރަށް ތައްޔާރަށް ހުރި މީހެއް. އަދި އަޅުގަނޑު ބަލިވީމާ ވަރަށް ރަނގަޅަށް ބަލި ގަބޫލުކޮށް ދާވެސް މީހެއް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރަނގަޅު ނޫން ގޮތްގޮތަށް ކަންކަން ކުރި ނަމަވެސް އެމަނިކުފާނަކީ ޒުވާބު ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ނުފެންނަ ކަމަށް ކޮންގްރެސްއިން ނުނިންމޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި އެގޮތަށް އެފުރުސަތު ދޭން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދު ވަނީ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. ނަޝީދުގެ އެ ހުށަހެޅުއްވުމަށް ރައީސް ސޯލިހު ވެސް ދަނީ ދެކޮޅު ހައްދަވައިފައެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.