ޚަބަރު

ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ރިޔާސީ ނިޒާމުން: ހިސާން

މުހައްމަދު އިޝާން

ސިޔާސީ ހަމަޖެހުމާއި ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ރިޔާސީ ނިޒާމުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.

ހިސާން އެގޮތަށް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގަރާރެއް ހުށަހަޅާފައިވަނިކޮށެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ.

އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ނަޝީދު އެ ހުށަހެޅުއްވުމާ ދެކޮޅުކަން ހާމަކުރައްވައި ހިސާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބޭރުގެ މާލީ އިދާރާތަކުން ރާއްޖޭގެ އިގުތިސޯދު ނާޒުކު ކަމަށް ބުނަމުންދާއިރު މި ދަނޑިވަޅުގައި ކަންކަން ކުރިއަށް ގެންދަންވާނީ ސިޔާސީ ހަމަޖެހުމާއި ތަރައްގީއަށް އިސްކަންދީގެން ކަމަށެވެ.

"ސިޔާސީ ހަމަޖެހުމާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ ހަމައެކަނި ރިޔާސީ ނިޒާމަކުން،" ހިސާން ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ. ރައީސް ސޯލިހު ވަނީ، ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.

"ރާއްޖެ ޓީވީ"އަށް ދެއްވި އިންޓަވިއެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ، މިވަގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.