ހިޔާ ޓަވަރެއްގައި ހާމަޔަށް ފެންނަ ގޮތަށް ބަދުއަހުލާގީ އަމަލު ހިންގަން ތިބި ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ގޮސްފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ހައްޔަރުކުރި ދެ ބިދޭސީ މީހުން ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފޭސްބުކުގައި މީހަކު ވަނީ ލައިވްކޮށްފައެވެ. އެ ލައިވުން ފެންނަ ގޮތުގައި ބިދޭސީ މީހުން ބަދުއަހުލާގީ އަމަލު ހިންގަން ތިބީ މަރާމާތު ކުރަމުންދާ ފުލެޓެއްގައެވެ.

އެ ދެމީހުން ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އެ ފުލެޓު ތެރޭގައި ފޮރެންސިކް ފުލުހުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.