ޓެކްނިކަލް މައްސަލައެއް ދިމާވެ، މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން މިއަދު މެންދުރު ކަރަންޓު ކެނޑުނުތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓު ދީފިއެވެ.
މުޅި މާލެ އާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:00 ހާއިރެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ، ހުޅުމާލޭ އިންޖީނުގޭގެ އަޕްގްރޭޑިން މަސައްކަތެއް ކުރަމުންދަނިކޮށް ދެ ޖަނަރޭޓަރު ނިވިގެން ކަމަށެވެ. ކަރަންޓު ކެނޑުނުތާ 15 ވަރަކަށް މިނެޓުގެ ތެރޭގައި މާލޭގެ ބައެއް ހިސާބުތަކަށް އަލުން ކަރަންޓު ދިނެވެ.
ސްޓެލްކޯއިން މީގެ ކުޑައިރުކޮޅެއްކުރިން ކުރި ޓުވީޓެއްގައި ބުނީ، ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް މުޅިން ސްޓޭބަލްކޮށްފައިވާ ކަމަށެވެ. އަދި މިހާރު މުޅި މާލެއަށް އަލުން ކަރަންޓު ދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެއްވެސް ކަސްޓަމަރަކަށް ކަރަންޓު ނުލިބި ވާނަމަ، އަޅުގަނޑުމެންގެ 104 ނަންބަރަށް ގުޅުއްވުން އެދެން." ސްޓެލްކޯ އިން ބުންޏެވެ.