ޚަބަރު

ރީކޯ މޫސަ، ރައީސް ނަޝީދަށް: ރިޔާސީ އިންތިހާބުގައި ބަރުލަމާނީގެ ވާހަކަނުދައްކައި އެމްޑީޕީއަށް މާގިނަ ވޯޓު ހޯދޭނެ

ބަރުލަމާނީ ނިޒާމުގެ ވާހަކަނުދައްކައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީ މެމްބަރުންގެ ޖުމުލަ ވޯޓަށްވުރެ މާގިނަ ވޯޓު އެ ޕާޓީއަށް ހޯދޭނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މުސާ މަނިކު، އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދަށް މޫސަ ރައްދު ދެއްވާފައި މިވަނި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވޯޓު ނުބާއްވައިފިނަމަ އެމްޑީޕީގެ 47،000 މެމްބަރުންގެ ވޯޓު ސަރުކާރަށް ގެއްލޭނެ ކަމަށް އެމަނިކުފާނު ރޭ ވިދާޅުވުމާ ގުޅިގެންނެނެވެ.

ބަރުލަމީ ނިޒާމާބެހޭ މައުލޫމާތު އެމްޑީޕީގެ މެންބަރުންނަށް ދެއްވުމަށް އެ ޕާޓީގެ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މިހާރު ވެރިކަންކުރަމުންދާ ރިޔާސީ ނިޒާމާ މެދު އެމްޑީޕީގެ 42 ޕަސެންޓު މެމްބަރުން ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންކަމުން ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނުބާއްވައިފިނަމަ އެ 42 ޕަސަންޓް މީހުން ވޯޓު ލާނީ އެމްޑީޕީއާ ވާދަވެރި ޕާޓީތަކަށް ކަމަށްވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 42 ޕަސެންޓު ވޯޓު ކަމަށެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުތަކުގައި އަބަދުވެސް 12 ޕަސަންޓު ވޯޓު ހޯދާ ކަމަށާއި އަދި އަދާލަތު ޕާޓީއަށް ހަ ޕަސަންޓު މީހުން ވޯޓު ދޭ ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 48 ޕަސަންޓް ކަމަށާއި އެއީ 112،000 މީހުންގެ ވޯޓު ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން. އެއްކަލަ 112،000 މީހުން މި 47،000 ނެގީމަ ބާކީ ސަރުކާރަށް އޮތީ 65،000 ވޯޓް. އެއީ ޖުމުލަ ވޯޓުލާ މީހުންގެ 27 ޕަސެންޓް ވޯޓު،" ނަޝީދު ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި މޫސަ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، "ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ބަރުލަމާނީ ވާހަކަނުދައްކާ ތިބެގެން އެމްޑީޕީ މެމްބަރުންގެ ޖުމުލަ ވޯޓަށްވުރެ މާގިނަ ވޯޓު ހޯދާނެ،" ކަމަށެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އިސްލާހު ކުރިއިރު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމު ރައްޔިތުންގެ ގާތު އަހާފައިވާނެ ކަމަށާއި، އެއީ ރައްޔިތުންގެ ހާއްސަ މަޖިލީހުން އެގޮތަށް ފާސްކޮށްގެން ކުރިކަމެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި އޭރުވެސް އެކަން ކުރީ ޕާޓީއަކަށް ފެނިގެން ނޫން ކަމަށާއި، މިހާރު ރައްޔިތުން އޮތީ ވެރިކަމުގެ ނިޒާމު ނިންމާފައި ކަމަށެވެ. އަދި ވަކި ޕާޓީއަކުން ބޭނުންވެގެން އެކަން ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުން އެމްޑީޕީއަށް ތާއީދުކޮށް އެ ޕާޓީއަށް މީހުން ވަނީ ނިޒާމީ ވާހަކަ ދައްކައިގެން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ރައްޔިތުން އެމްޑީޕީއަށް ތާއީދު ކުރިގޮތާއި ޕާޓީއަށް މީހުން ވަނީ ނިޒާމުގެ ވާހަކަ ދައްކައިގެންނެއް ނޫން. ހއ އިން، އައްޑޫއަށް ދަތުރުކުރި އަޅުގަނޑުމެންނަށް އެކަން ރަނގަޅަށް އެނގޭ،" މޫސަ ވިދާޅުވިއެވެ.