އެފްއޭއެމް

ފީފާއިން އިންޑިއާ ސަސްޕެންޑް ކުރުމަކީ ފުޓުބޯޅައަށް ހިތާމައެއް: ޖަވާ

ތިންވަނަ ފަރާތަކުން ނުފޫޒު ފޯރުވާތީ ފީފާއިން އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) ސަސްޕެންޑްކުރަން ނިންމި ނިންމުމަކީ ފުޓުބޯޅައަށް ލިބުނު ހިތާމައެއް ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފުޓުބޯޅައަށް ސަސްޕެންޝަން އައިސްފައިވަނީ ކަންކަން ހައްލުވާން ދެނެވެ. ފީފާއިން އިންޑިއާ ސަސްޕެންޑް ކުރުމާއެކު އިންޑިއާގެ ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހޭނެއެވެ. ސީނިއާ ޓީމުތަކުގެ އިތުރުން ޖޫނިއާ ޓީމުތަކަށްވެސް ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހޭ އިރު، އަންނަ އޮކްޓޯބަރު މަހު އެގައުމުގައި ބާއްވަން ނިންމާފައިވަނީ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްވެސް އިންޑިއާގައި ކުރިއަށް ނުދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާގެ ފެޑަރޭޝަން ސަސްޕެންޑް ކޮށްފައިވާ އިރު، ފެޑަރޭޝަން މިވަގުތު ހިންގަން ހަވާލުވެފައިވަނީ ތިން މެމްބަރުންގެ ކޮމިޓީއެއްގެ މައްޗަށެވެ. އެއީ މިދިޔަ މެއި މަހު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކާއެކު އޭއައިއެފްއެފްގެ ރައީސް ޕްރަފުލް ޕަޓޭލް މަގާމުން ދުރުކޮށްފައިވާތީއެވެ.

އެ ކޮމިޓީ އޭއައިއެފްއެފްއާ ހަވާލުވެ، އޭއެފްސީއާއި ފީފާއާ ބައްދަލުކޮށް، އިދާރާގެ އާ އިންތިހާބަކަށް ދާނެ މަގު ޗާޓެއް އެކުލަވާލާފައިވެއެވެ. އެ މަގު ޗާޓުގެ މަސައްކަތް މޮނީޓާ ކުރަނީ ފީފާއިންނެވެ. އެ މަގު ޗާޓުގައިވާ ގޮތުން އަންނަމަހު 15 ގެ ކުރިން އޭއައިއެފްއެފްގެ އިންތިހާބެއް ބާއްވަން އަންގައިފައިވެއެވެ. 2020 ވަނަ އަހަރު ޑިސެމްބަރަށް ޕަޓޭލްގެ ދައުރު ހަމަވެފައިވާ އިރުވެސް އިންތިހާބަކަށް ނުގޮސް ލަސްކުރުމުން، އޭނާ ހުރީ އިންޑިއާގެ ސްޕޯޓްސް ކޯޑާ ހިލާފުވެފައެވެ.

އިންޑިއާގެ ފުޓުބޯޅަ ދިޔަ ހާލަތާ ގުޅިގެން ޖަވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަސްޕެންޝަން އައުމަކީ ނުތަނަވަސްވާ ކަމެއް ކަމަށާއި، ފީފާގެ ފިޔަވަޅުން އެނގެނީ ތިންވަނަ ފަރާތެއްގެ ނުފޫޒުގެ ކަންކަމަށް ފިޔަވަޅު އަޅަނީ ކުޑަ ނޫނީ ބޮޑު ގައުމެއް ބަލައިފައި ނޫން ކަމަށެވެ.

"ފުޓުބޯޅައަށް ދެރަ ދުވަހެއް. ހަމަނުޖެހުންތަކެއްގެ ތެރެއިން ކަންތައްތައް ކޮށްގެންނާއި ތިންވަނަ ފަރާތެއްގެ ނުފޫޒެއް ފޯރުވައިގެން ކަންކަން ކުރުމަކުން ފީފާއިން ފިޔަވަޅު އަޅަނީ ގައުމެއްގެ ބޮޑުމިން ނޫނީ ކުޑަމިން ބަލައިގެނެއް ނޫންކަން ފެނިގެންދިޔައީ. ކުޅިވަރުގައި ހެދިފައި މިވާ ގާނޫނުތައް ނެގެހެއްޓުމަކީ ކުރަން ޖެހޭނެ ކަމެއް. އެއާ ހިލާފަށް ކަންކަން ކޮށްގެން ކުރިއަށް ދެވޭނެ ގޮތެއް ނެތް،" ޖަވާ ވިދާޅުވިއެވެ.

އިންޑިއާގެ ފުޓުބޯޅައިގެ އެހެން ބައެއް އޮޅުންބޮޅުންތައްވެސް އެބަހުއްޓެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން އޭއައިއެފްއެފްގެ އަސާސީ ގަވާއިދު އިސްލާހު ކުރަންވެސް މަސައްކަތްތަކެއް ކުރަން ސުޕްރީމް ކޯޓުގައި އޮތް އިރު، އެ މައްސަލަތައް އިސްލާހުކުރަން ފީފާއިންވެސް ވަނީ އަންގައިފައެވެ. އަދި ފީފާއިން އަންގާފައިވަނީ މައްސަލަތައް ހައްލުކޮށްގެން ނޫނީ އާ އިންތިހާބެއް ނުބޭއްވުމަށެވެ.