ޚަބަރު

ގާސިމްގެ ތާއީދުވެސް އޮތީ ރިޔާސީ ނިޒާމަށް ކަމަށް ހާމަކުރައްވައިފި

މުހައްމަދު އިޝާން

ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު ދެމެހެއްޓޭނީ ރިޔާސީ ނިޒާމަކުން ކަމަށް ވިދާޅުވެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ދެކޮޅުކަން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ހާމަކުރައްވައިފިއެވެ.

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ބޭފުޅަކީ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ މުހައްމަދު ނަޝީދެވެ. އެގޮތުން އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފައެވެ.

ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ.

އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

އެކަމާ ގުޅިގެން ގާސިމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުކުރާ ބޮޑުވަޒީރަކީ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވެޑައިގަންނަވާ ފަރާތެއް ނޫން ކަމަށެވެ.

"ރައްޔިތުންގެ އަތުގައި އޮތް ވެރިކަމުގެ ބާރު އެގޮތުގައި ދެމެހެއްޓޭނީ، ރިޔާސީ ނިޒާމެއް އޮވެގެން. ރައީސާއި މަޖިލިސް މެންބަރުންނަކީ ސީދާ ރައްޔިތުންގެ ވޯޓުން ހޮވާ މަގާމުތައް. ބަރުލަމާނީގައި ގައުމު ހިންގަން ހަވާލުވާ ބޮޑުވަޒީރަކީ ރައްޔިތުން ސީދާ އިންތިހާބު ކުރާ ފަރާތެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ވަނީ ދެކޮޅު ހައްދަވައިފައެވެ. ރައީސް ސޯލިހު މިއަދު ވަނީ، ނަޝީދު ހުށަހަޅުއްވާފައިވާ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފައެވެ.

"ރާއްޖެ ޓީވީ"އަށް މިއަދު ދެއްވި އިންޓަވިއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ވަގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، އަދާލަތު ޕާޓީންވެސް ވަނީ ދެކޮޅު ހަދައިފައެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.