ޚަބަރު

ނިޒާމީ ވޯޓު ނުބާއްވައިފިނަމަ އެމްޑީޕީގެ 47،000 މެމްބަރުންގެ ވޯޓް ސަރުކާރަށް ގެއްލޭނެ: ނަޝީދު

މުހައްމަދު އިޝާން

ވެރިކަން ބަދަލުކުރާ ނިޒާމުގެ ވޯޓުލުން ނުބާއްވައިފިނަމަ އެމްޑީޕީގެ 47،000 މެމްބަރުންގެ ވޯޓް ސަރުކާރަށް ގެއްލޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި މިރޭ ބޭއްވި ބަރުލަމާނީ ނިޒާމާ ގުޅޭ މަޝްވަރާގައި ނަޝީދު ވިދާޅުވީ، މިހާރު ވެރިކަންކުރަމުންދާ ރިޔާސީ ނިޒާމާމެދު އެމްޑީޕީގެ 42 ޕަސެންޓު މެމްބަރުން ހިތްހަމަނުޖެހޭ ކަމަށެވެ. އެހެންކަމުން ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނުބާއްވައިފިނަމަ އެ 42 ޕަސަންޓް މީހުން ވޯޓު ލާނީ އެމްޑީޕީއާ ވާދަވެރި ޕާޓީތަކަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 42 ޕަސެންޓް ވޯޓު ކަމަށެވެ. ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުތަކުގައި އަބަދު ވެސް 12 ޕަސަންޓު ވޯޓު ހޯދާ ކަމަށާއި އަދި އަދާލަތު ޕާޓީއަށް ހަ ޕަސަންޓު މީހުން ވޯޓު ދޭ ކަމަށެވެ. އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބޭނެ ކަމަށް ލަފާކުރެވެނީ 48 ޕަސަންޓް ކަމަށާއި އެއީ 112،000 މީހުންގެ ވޯޓް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑު އަބަދުވެސް ހިސާބު ޖަހަނީ ސިޔާސީ ހަގީގަތަށް ބަލައިގެން. އަޅުގަނޑު ދެކޭ ގޮތުގައި އޮނިގަނޑުގެ ބަދަލާއި ނިޒާމީ ބަދަލު ނުގެނެވިއްޖެނަމަ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 42 ޕަސެންޓް މެންބަރުން ސަރުކާރަކަށް ވޯޓެއް ނުދޭނެ. އެއީ 47،000 މީހުން . އެއްކަލަ 112،000 މީހުން މި 47،000 ނެގީމަ ބާކީ ސަރުކާރަށް އޮތީ 65،000 ވޯޓް. އެއީ ޖުމްލަ ވޯޓްލާ މީހުންގެ 27 ޕަސެންޓް ވޯޓް" ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި މަޖިލިސް މެމްބަރުން ބަރުލަމާނީ ނިޒާމަށް ތާއިދުކުރެއްވުމަށް ދެކޮޅު ހެއްދެވިޔަސް ފަރުވާލެއް ނެތް ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމު ގެނައުމަށް މެމްބަރުންނާއި މިނިސްޓަރުންގެ ރުހުން ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފައެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކަށް އެ އިސްލާހުތައް ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން، ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް، ސާފު ސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީއަށް އާދެވުމަކީ ނާދިރުކަމަކަށްވުން ހިމެނެއެވެ.

އަދި ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް މިހާރު ރޭވިފައި އޮތް ގޮތުން، ސަރުކާރުގެ އެންމެ އިސް ފަރާތް (ރައީސުލްޖުމްހޫރިއްޔާ) ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި، އެމްޑީޕީން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން، ސަރުކާރު ހިންގުން ގަޑުބަޑުވެ، އެ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދެވި ސަރުކާރާ މެދު ޕާޓީގެ އާންމު މެންބަރުންގެ އިތުބާރު ކުޑަވަމުންދިޔުން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

އެ ހުށަހެޅުމާ ގުޅިގެން "ރާއްޖެ ޓީވީ"އަށް ދިން އިންޓަވިއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ގުތު ރާއްޖެއަށް މުހިންމީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި މިއީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މަސައްކަތް ކުރަންވީ ވަގުތު ނޫން ކަމަށެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)، އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ދެކޮޅު ހަދައިފައެވެ.

ނަޝީދުގެ އިތުރުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ނަމަވެސް ޔާމީންވެސް ވަނީ ރާއްޖެއަށް އެންމެ އެކަށީގެންވަނީ ރިޔާސީ ނިޒާމް ކަމަށް ވިދާޅުވެފައެވެ.