މި ސީޒަންގެ ލީގުގައި މިހާތަނަށް ލިވަޕޫލުން ކުޅުނު ދެމެޗުގައިވެސް އެޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ސީޒަނެއްގެ މެދުކެނޑުމަކަށް ފަހު ޕްރޮމޯޓުވި ފުލްހަމް ކައިރީ 2-2 އިން އެއްވަރުވި އިރު، މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރީ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
ޕެލެސް ކައިރިން ލިވަޕޫލަށް ނަތީޖާ ނެރެން ދިމާވި އެންމެ ބޮޑު އުނދަގުލަކަށްވީ ދެވަނަ ހާފުގެ ކުރީކޮޅުގައި އުރުގުއޭގެ ފޯވަޑް، ޑާވިން ނުނޭޒްއަށް ދެއްކި ރަތް ކާޑެވެ. ކުޅުންތެރިޔަކު މަދުކޮށް ލިވަޕޫލުން ޕޮއިންޓެއް ހޯދި ނަމަވެސް، ފުރަތަމަ ދެމެޗުގެ ނަތީޖާއާއެކު ޓީމަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.
މި ސީޒަނަށް ތައްޔާރުވުމަށް 64 މިލިއަން ޕައުންޑަށް ލިވަޕޫލަށް ގެންދިޔަ ފޯވަޑް ނުނޭޒް، ފުރަތަމަ މެޗުގައި ބެންޗުން އަރައި ގޯލެއް ޖެހި ނަމަވެސް، ޕެލެސްއާ ދެކޮޅަށް ކުޅުނު ހޯމް މެޗުގައި އޭނާގެ ފަރާތުން ފެނުނީ ރުޅިގަދަވެ ކޮންޓްރޯލް ނުކުރެވުނު މަންޒަރެވެ. ކޯޗު ޔާގަން ކްލޮޕްގެ ނަޒަރުގައި ނުނޭޒްއަށް އެ ގޯހަށް ވިސްނަން ވަގުތު ދޭން ޖެހެއެވެ.
"ޑާވިންއަށް އެނގޭނެ އޭނާގެ ސަބަބުން ޓީމުގެ އެހެން ކުޅުންތެރިން މާޔޫސްވާނެކަން. އެ ގޯހުން ދަސްވާނެ ފިލާވަޅުތައް. އަހަރެން މިރޭ ނުނޭޒްއާ ވާހަކައެއް ނުދައްކާނަން. އެކަމަކު މާދަމާ އެ ގޯހުގެ ވާހަކަ ނުނޭޒް ކައިރީ އަހަރެން ދައްކާނަން،" ކްލޮޕް މެޗަށްފަހު ބުންޏެވެ.
ނުނޭޒްއަށް މެޗުގައި ރަތް ކާޑު ދެއްކީ ޕެލެސްގެ ޑިފެންޑަރު ޖޮކިމް އެންޑާސަން މޭ މަތީގައި ކަހަލަ ގޮތަކަށް ބޮލުން ޖެހުމުންނެވެ. ޖޮކިމް މޭމަތީގައި ނުނޭޒް ޖެހީ ބޯޅަ ނެތިއެވެ. އެ ރަތް ކާޑާއެކު ނުނޭޒް ވެފައި ވަނީ ލިވަޕޫލްގެ ދަނޑުގައި ކުޅުނު ފުރަތަމަ މެޗެއްގައި ރަތް ކާޑު ހޯދި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން ލިވަޕޫލް ދަނޑުގައި ކުޅުނު ފުރަތަމަ މެޗެއްގައި ރަތް ކާޑު ހޯދި ކުޅުންތެރިޔަކީ ޖޯ ކޯލްއެވެ. އެއީ 2010 އަހަރު ކްލަބާ ގުޅި، އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ.
"ޔަގީނުންވެސް އެއީ ރަތް ކާޑެއް. ގަބޫލުކުރަން ޑިފެންޑަރު ނުނޭޒް ރުޅި އަރުވާލިކަން، އެކަމަކު ރުޅި އަންނަ ހާލަތްތަކުގައި އަހުލާގު ބަހައްޓަން ޖެހޭ ގޮތެއް ނޫން އެއީ. ޕްރިމިއާ ލީގުގެ ސެންޓަ ޑިފެންޑަރުން ފޯވަޑުންނަށް އެގޮތަށް ޗެލެންޖް ކުރާނެ، އެހެންވީމަ އެކަމަށް ތައްޔާރުވާން ޖެހޭނެ. ނުނޭޒްއަށް އަންނަ ސަސްޕެންޝަނުގައި އޭނާއަށް އަދަބު ދޭކަން ނުވިސްނަން، ފިޒަކަލް ޓްރެއިނިންއަށް ބޮޑަށް ބަލާނީ،" ކްލޮޕް އިތުރަށް ބުންޏެވެ.
ރޭގެ ރަތް ކާޑަކީ ނުނޭޒްގެ ކެރިއަރުގައި އޭނާއަށް ދެއްކި ދެވަނަ ރަތް ކާޑެވެ. ނުނޭޒްއަށް ކުރިން ދެއްކި ރަތް ކާޑަކީ ސްޕެއިންގެ ކްލަބެއް ކަމަށްވާ އަލްމޭރިއާއަށް ކުޅުނު ފުރަތަމަ ސީޒަނުގައި އޭނައަށް ދެއްކި ރަތް ކާޑެކެވެ. އެއީ 2019 ވަނަ އަހަރުއެވެ. ނުނޭޒްގެ ޕްރޮފެޝަނަލް ކެރިއަރު ފެށީވެސް އެ އަހަރުއެވެ.
އޭގެ ފަހުން ނުނޭޒް ބެނިފީކާއަށް ބަދަލުވެ ޔޫރަޕްގައި ވިދާލީ 57 މެޗުން 32 ގޯލު އެޓީމަށް ޖަހައިދީގެންނެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް