ފުޓްބޯޅަ

ފީފާއިން އިންޑިއާ ސަސްޕެންޑުކޮށްފި

ތިންވަނަ ފަރާތެއްގެ ނުފޫޒު ފުޓުބޯޅަ އިދާރާއަށް ވަންނާތީ ފީފާއިން އިންޑިއާގެ ފުޓުބޯޅަ އިދާރާ ސަސްޕެންޑުކޮށްފިއެވެ.

ފީފާއިން އިންޑިއާ ސަސްޕެންޑް ކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ. އެ ސަސްޕެންޝަނާއެކު އިންޑިއާގެ ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހޭނެއެވެ. ސީނިއާ ޓީމުތަކުގެ އިތުރުން ޖޫނިއާ ޓީމުތަކަށްވެސް ފުޓުބޯޅައިގެ ހަރަކާތްތައް ހުއްޓާލަން ޖެހޭ އިރު، އަންނަ އޮކްޓޯބަރު މަހު އެގައުމުގައި ބާއްވަން ނިންމާފައިވަނީ 17 އަހަރުން ދަށުގެ އަންހެން ވޯލްޑް ކަޕްވެސް އިންޑިއާގައި ކުރިއަށް ނުދާނެ ކަމަށް ބެލެވެއެވެ.

ފީފާއިން ނެރުނު ބަޔާނުގައި ބުނީ ފީފާ މެމްބަރު ގައުމުތަކުން ސިޔާސީ އަދި ކޯޓުތަކުގެ ނުފޫޒުންވެސް ސަލާމަތްވެ ތިބެން ޖެހޭނެ ކަމަށާއި، އިންޑިއާ ފުޓުބޯޅައިގެ ފުރިހަމަ ކޮންޓްރޯލު އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނަށް ލިބެން ދެން ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.

އިންޑިއާ ފުޓުބޯޅަ އިދާރާގެ ރައީސް ޕްރަޕުލް ޕަޓޭލްގެ ލީޑާޝިޕާއި ސަރުކާރާ ހިޔާލު ތަފާތުވެ، ސަރުކާރުން ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގައި މިއަހަރުގެ މެއި މަހު ކޯޓުން ނިންމީ، އިންޑިއާ ފުޓްބޯޅައިގެ ރައީސް ޕަޓޭލްގެ ލީޑާޝިޕް ނިމުމަކަށް ގެންނާށެވެ. އެ ނިންމުމުގައި އަންގާފައިވަނީ ކަންކަން ހައްލުކުރުމަށް ވަކި މުއްދަތެއް، ހާއްސަ ތިން މެމްބަރުންގެ ކޮމިޓީއަކަށް ދިނުމަށެވެ.

އިންޑިއާ ފުޓްބޯޅައިގެ ރައީސްގެ މަގާމު ތިން ދައުރުކުރެއްވި، ޕަޓޭލްއާ ދެކޮޅަށް އިންޑިއާގެ ކުޅިވަރާ ބެހޭ މިނިސްޓްރީން ކޯޓަށް މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު ޑިސެމްބަރު މަހަށް އޭނާގެ ދައުރު ހަމަވިއިރު ވެސް އިންތިހާބު ބާއްވާފައި ނުވާތީއެވެ.

އެކަމުގައި ފީފާއާ ބައްދަލުކުރުމުން ފީފާއިން އިންޑިއާއަށް ދީފައިވާ ފުރުސަތަކީ މިދިޔަ ޖުލައި މަހުގެ ނިޔަލަށް ގަވާއިދަށް ބަދަލުތަކެއް ގެނެސް، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އާ އިންތިހާބެއް ބޭއްވުމަށެވެ. މިއަދާ ހަމައަށް އެ އެންގި ކަންކަން ފުރިހަމަކުރުމަށް އެފްއޭއިން މަސައްކަތް ކޮށްފައެއް ނުވެއެވެ. ފީފާއިން ފިޔަވަޅު އެޅީ ސަރުކާރުންވެސް އެފްއޭގެ ކަންކަމުން ދުރަށް ޖެހެން އެކަށޭނެ ޕްލޭނެއް ކޮށްފައި ނުވާތީއެވެ.