އިނގިރޭސި ޕްރިމިއާ ލީގު

ލިވަޕޫލަށް އަނެއްކާވެސް ޕޮއިންޓެއް، ނުނޭޒްއަށް ރަތް ކާޑު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ކުޅުނު މެޗުގައި 1-1 އިން ކްރިސްޓަލް ޕެލެސްއާ އެއްވަރުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޕެލެސް ކައިރީ ލިވަޕޫލް އެއްވަރުވެފައިވާ އިރު، މިހާތަނަށް މި ސީޒަންގެ ލީގުގައި ކުޅުނު ދެ މެޗުންވެސް އެޓީމަށް އަދި މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗުގައި ލިވަޕޫލް ފުލްހަމް ކައިރީ އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ބެންޗުން އަރައި އެއްވަރުކޮށްދިނީ އަލަށް ގެންދިޔަ ފޯވަޑް ޑާވިން ނުނޭޒްއެވެ.

އެ މެޗުގެ ހީރޯއަކީ ނުނޭޒް ނަމަވެސް ރޭގެ މެޗުގައި ފެނުނީ ނުނޭޒް ބޭކާރު ރަތް ކާޑެއް ހޯދި ތަނެވެ. މެޗުގެ ދެވަނަ ހާފުގައި ޕެލެސްގެ ޑިފެންޑަރު ޔަކީމް އެންޑަސަން މޭމަތީގައި ބޮލުން ޖެހުމުން ރެފްރީ ނުނޭޒްއަށް ސީދާ ރަތް ކާޑު ދެއްކިއެވެ. ޔަކީމްގެ މޭ މަތީގައި ނުނޭޒް ބޮލުން ޖެހީ ބޯޅަވެސް ނެތިއެވެ.

މެޗުގެ ކުޅުމަށް ބަލާ އިރު، ފުރަތަމަ މިނެޓުން ފެށިގެން އެ ހާފު އެކުގައި ކަހަލަ ގޮތަކަށް ޑޮމިނޭޓް ކުރީ ލިވަޕޫލުންނެވެ. އެހެން ނަމަވެސް ޕެލެސްގެ ސްޓައިލުގައި އެޓީމު އޮތީ ނުރައްކަލަށް ތައްޔާރަށެވެ. ލީގުގައި އެންމެ ކައުންޓާ އެޓޭކިން ރަނގަޅު އެއް ޓީމުގެ ގޮތުގައި ޕެލެސް ފާހަގަވެފައިވާ އޮތް އިރު، ފުރަތަމަ ލީޑު ނެގީވެސް ޕެލެސްއިންނެވެ. އެބެރެޗީ އެޒޭގެ ހިތްގައިމު ޕާހަކަށް ކުރިއަށް ދުވެ ލީޑު ނަގައިދިނީ ވިލްފްރީޑް ޒަހާއެވެ.

ދެވަނަ ހާފުގައި ނުނޭޒްގެ ރަތް ކާޑު ފެނިގެންދިޔައީ 57 ވަނަ މިނެޓުގައެވެ. ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ލިވަޕޫލަށް މެޗަށް އަނބުރާ ވަނުމަށް އުނދަގޫތަކެއް ދިމާވި އިރު، އެޓީމުން ޕޮއިންޓަކަށް ކުރި މަސައްކަތް ކާމިޔާބުވީ 61 ވަނަ މިނެޓުގައެވެ.

ލިވަޕޫލުން ޖެހި ގޯލަކީ ލުއިސް ޑިއާޒް އަރިމަތިން އެތެރެއަށް ޖެހިލައި، ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ހިތްގައިމު ގޯލެކެވެ.