ޚަބަރު

ރައީސް ނަޝީދު ކިތަންމެ ބޭނުންފުޅުވިޔަސް ބަރުލަމާނީއަށް ފައްޔާޒްގެ އޮތީ "ނޯ"!

އަލީ ޔާމިން

ރާއްޖޭގައި ވެރިކަން ކުރަން އެންމެ ރަނގަޅީ ރިޔާސީ ނިޒާމް ކަމަށާއި އަބަދުވެސް ތާއީދުކުރައްވަމުން އައީ އެ ނިޒާމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނުއަސާސީއަށް ގެންނަން ފެނިވަޑައިގަންނަވާ އިސްލާހުތަކާއެކު އެމްޑީޕީގެ ކޮންގްރެސްއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާ ގަރާރު އާއްމުކުރައްވާފައިވާއިރު، އެ ގަރާރުގައި ވަނީ ބަރުލަމާނީ ނިޒާމުގައި އޮންނަ ގޮތަށް ބޮޑުވަޒީރުގެ ބެއްލެވުމުގެ ދަށުން ސަރުކާރު ހިންގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ރަމްޒީ މަގާމެއްގެ ގޮތުގައި ރައީސް ދެމިހުންނަވުމަށެވެ.

އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި ވަކިން ހާއްސަކޮށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒްގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ފައްޔާޒް "ވަން" އަށް މިއަދު ވިދާޅުވީ، ރާއްޖޭގައި ވެރިކަން ހިންގަން އޭނާއަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ.

"އަޅުގަނޑަކީ ފެށުނީއްސުރެ ދިވެހި ރާއްޖޭގައި އޮންނަން ޖެހޭނީ ރިޔާސީ ނިޒާމް ކަމަށް ތާއީދުކުރާ މީހެއް،" ފައްޔާޒް ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ސޯޝަލް ސެންޓަރުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބަރުލަމާނީ ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ގޮތެއް ނިންމާއިރު، މީގެ ކުރިން ފައްޔާޒް މަގާމުން ދުރުކުރަން މަސައްކަތް ކުރެއްވި، ނަޝީދު ވަނީ ފައްޔާޒާ ދެކޮޅަށް މަސައްކަތް ކުރެއްވުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެ، ފައްޔާޒާއެކުގައި މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ގެކޮޅުކަމަށްވާ ގ. ކެރެނީގެއާއި ފައްޔާޒުގެ ގެ، މއ. ބޯގަންވިލާގެ ގުޅުން ވަރުގަދަ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ނަޝީދު އުޅުއްވާއިރު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވާދަކުރައްވައިގެން ކަމަށް ފައްޔާޒް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ޗެއާޕާސަންގެ އެންމެ މުހިންމު އެއް މަސައްކަތަކަށްވާނީ އެމްޑީޕީއަށް ވެރިކަން ހޯދައިދިނުން ކަމަށް ވިދާޅުވެފައިވެއެވެ.

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ރައީސް ސޯލިހު މީގެ ކުރިން ސީދާ ޖަވާބެއް ދެއްވާފައި ނުވި ނަމަވެސް އެމަނިކުފާނުވެސް ވަނީ ނުސީދާ ގޮތެއްގައި ބަރުލަމާނީއަށް ދެކޮޅު ހައްދަވައިފައެވެ. އެގޮތުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ރައްޔިތުން ގޮތެއް ކަނޑައަޅައި ގާނޫނުއަސާސީގައި ލިޔެފައިވާ ނިޒާމު ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންނަށް ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން ބަރުލަމާނީއަށް ދެން ތާއީދުކުރައްވަނީ އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. ނަމަވެސް ޔާމީންވެސް ވަނީ ރާއްޖޭގައި ބަރުލަމާނީ އަދި "ޕްރެކްޓިސް" ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.