ލުއި ޚަބަރު

ދުނިޔޭގައި އެންމެ ގިނައިން ގޮދަން ހައްދަނީ ކޮންބައެއްކަން އެނގޭތަ؟

ގޮދަނަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކެއުމަށް އެންމެ އާއްމުކޮށް ބޭނުންކުރެވޭ ބާވަތެވެ. އެއީ ދުނިޔޭގެ ހަތަރުބިތުގެ މައީޝަތާ އެންމެ ބޮޑަށް ގުޅިފައިވާ ގޮވާމެވެ. ޕާނާއި ރޮށި ފިހުމަށް ބޭނުންކުރެވޭ ފުށް އަދި ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ގޮދަންފުށަކީ ގޮދަން މުގުރައި ހިމުންކޮށްގެން ތައްޔާރުކުރެވޭ ފުށެކެވެ. ދުނިޔޭގައި އެންމެ ގިނައިން ގޮދަން ހައްދަނީ ކޮންބައެއް ބާވައެވެ. އެންމެ ގިނައިން ގޮދަން އެކްސްޕޯޓް ކުރަނީ ކޮންބައެއް ބާވައެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން، އެފްއޭއޯގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ދުނިޔޭގެ 80 އަށްވުރެ ގިނަ ގައުމުގައި ގޮދަން ހައްދައެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ގައުމަކީ ޗައިނާއެވެ. ފާއިތުވި ވިހި އަހަރުގެ ތެރޭގައި ޗައިނާ ވަނީ 2.4 ބިލިޔަން ޓަނުގެ ގޮދަން ހައްދައިފައެވެ. އެއީ މުޅިދުނިޔޭގެ އުފެއްދުމުގެ ގާތްގަޑަކަށް 17 އިންސައްތައެވެ. އެ މުއްދަތުގެ ތެރޭގައި 1.8 ބިލިޔަން ޓަނުގެ ގޮދަން ހައްދައިގެން އިންޑިޔާއަށް ލިބެނީ ލިސްޓުގެ ދެވަނައެވެ. ލިސްޓުގެ ތިންވަނަ ރަޝިޔާއަށް ލިބެނީ 1.3 ބިލިޔަން ޓަނު ހައްދައިގެންނެވެ. އެންމެ ގިނައިން ގޮދަން އެކްސްޕޯޓްކުރާ ގައުމުގެ މަގާމު ލިބެނީ ރަޝިޔާއަށެވެ.

ރަޝިޔާއާ ދާދި އެއްވަރަކަށް އެމެރިކާއިންވެސް ގޮދަން ހައްދައެވެ. އެމެރިކާގެ މިންވަރަކީ ފާއިތުވި ވިހި އަހަރު 1.2 ބިލިޔަން ޓަނެވެ. އެހެންވީމާ އެމެރިކާގެ ވަނަޔަކީ ހަތަރުވަނައެވެ. ފަސްވަނައިގައިވާ ފްރާންސަށް އެ މުއްދަތުގެ ތެރޭގައި ހެއްދުނީ 767 މިލިޔަން ޓަނެވެ. ލިސްޓުގެ ހަވަނައިގައިވާ ކެނެޑާގެ މިންވަރަކީ 571 މިލިޔަން ޓަނެވެ. ޖަރުމަންވިލާތަށް 491 މިލިޔަން ޓަނާއެކު ލިބިފައިވަނީ ހަތްވަނައެވެ. ޖުމްލަ 482 މިލިޔަން ޓަނާއެކު ޕާކިސްތާނަށް ލިބެނީ 8 ވަނައެވެ. ލިސްޓުގެ ނުވަވަނައިގައި އޮސްޓްރޭލިޔާ އޮތީ 456 މިލިޔަން ޓަނާއެކުގައެވެ.

ދުނިޔޭގެ ގޮދަނުގެ ބާޒާރަށް މިވަގުތު ދިމާވެފައިވާ ދަތިތައް ގުޅިފައިވަނީ ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމަޔާއެވެ. ފާއިތުވި ވިހި އަހަރުގެ ތެރޭގައި ޔުކްރޭނަށް ހެއްދިފައިވަނީ ގާތްގަޑަކަށް 433 މިލިޔަން ޓަނުގެ ގޮދަނެވެ. މި މިންވަރާއެކު ގޮދަން ހެއްދުމުގެ ލިސްޓުން ޔުކްރޭނަށް ލިބެނީ ދިހަ ވަނައެވެ. އެއީ މުޅި ދުނިޔޭގެ އުފެއްދުންތަކުގެ ގާތްގަޑަކަށް 3.1 ޕަސަންޓެވެ. ރަޝިޔާ އާއި ޔުކްރޭނުގެ ޖުމްލަ އެއްކޮށްލީމާ އެއީ މުޅި ދުނިޔޭގެ 11.5 ޕަސަންޓެވެ. ރަޝިޔާ އާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ނަގައިފައި ދުނިޔޭގެ ބާޒާރަށް ދެން އެންމެ ގިނައިން ގޮދަން ނެރޭ ގައުމަކަށް ވެފައިވަނީ ޔުކްރޭނެވެ.