ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްފިނަމަ ރައްޔިތުން ހާލުގައި ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ބުރާސްފަތި ދުވަހު ވެރިކަމުގެ ނިޒާމު ބަދަލުކުރަން ވޯޓަށް އެހުމާއި ބޮޑުވަޒީރަކު ހުންނަގޮތަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވައިފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނުއަަސާސީ އާއި ގާނޫނުތަކަށް އިސްލާހު ގެނައުމަށް އެމްޑީޕީ އިގުރާރުވުމަށްޓަކައި ނަޝީދު ޕާޓީ ކޮންގްރެސްއަށް ހުށަހަޅުއްވި އިސްލާހުތަކުގައި ވަނީ، ސަރުކާރުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރު ކަމުގައި ކަނޑައެޅުމަށާއި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކަނޑައެޅުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނަގާ ރިޔާސީ އިންތިހާބުގެ ވޯޓުގައި އެންމެ ގިނަ ވޯޓު ލިބޭ މީހާ ކަމުގައި ކަނޑައެޅުމަށްވެސް ހިމަނާފައިވެއެވެ.
ރައީސް ނަޝީދަކީ ޒަމާނުއްސުރެ ބަރުލަމާނީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދުގެ އިތުރުން އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ތާއީދުކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންވެސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.
އެގޮތުން ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްކަމަށްވާ އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކޮށްފިނަމަ މިހާރު އޮތް ސިޔާސީ ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
"ރާއްޖޭގެ މިއަދުގެ ހާލަތުގައި ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ސިޔާސީ ހަމަޖެހުން ގެއްލި އަވަސް އަވަހަށް ސަރުކާރު ބަދަލުވެ ރައްޔިތުން ބައިބައިވެ، ރައްޔިތުން ހާލުގައި ޖެހުން ފިޔަވައި އިތުރު މޮޅެއް ނުވާނެ،" އިމްރާން ވިދާޅުވިއެވެ.
ބަރުލަމާނީ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ތާއީދުކުރެއްވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ. އަދި ވިދާޅުވީ، ބަރުލަމާނީ ގެންނަން އެންމެންގެ ތާއީދުވެސް ބޭނުންވާ ކަމަށެވެ.
ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓު މިއަހަރުގެ ތެރޭގައި ނެގިގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއެކު ބަރުލަމާނީ ނިޒާމު ރާއްޖޭގައި މަސައްކަތް ކުރަން ފަށާނެ ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީން ފެށިގެން ބަރުލަމާނީގެ އިންތިގާލީ މަރުހަލާ ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެދި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކައިރިން ވެސް އެދިވަޑަައިގެންފައެވެ. ނަމަވެސް ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.