އަންނަ ހުކުރު ދުވަހު ފަށާ އެމްޑީޕީގެ ކޮންގްރެސްގެ ނިންމުންތަކަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ނަޝީދު ވިދާޅުވީ، އާ ގާނޫނު އަސާސީއަށްފަހު އެކުލަވާލި ހުރިހާ ސަރުކާރެއްވެސް އެކުލަވާލީ މަދު ބައެއްގެ ރުހުމުގެ މައްޗަށް ކަމަށާއި ސަރުކާރުގެ ވުޒާރާގެ މަގާމުތައް ފުރަނީ އިންތިހާބުގައި ނުވެސް ވާދަކުރާ ކުދި ޕާޓީތަކުގެ ބޭފުޅުންނަށް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރަން އުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ރާއްޖޭގެ ވެރިކަން ބަރުލަމާނީއަށް ބަދަލުކުރަން އެމްޑީޕީގެ ކޮންގްރެސްވެސް އަދި ރާއްޖޭގެ ރައްޔިތުންވެސް ތާއީދު ކުރައްވާނެ ކަމަށެވެ.

"އެމްޑީޕީ ކޮންގްރެސް އިން ކަމެއް ނިންމައިފިނަމަ އެ ނިންމުމަކަށް އަޅުގަނޑު ޖެހޭނީ ތަބާވާން، އެކަމަކަށް އަޅުގަނޑު އިންކާރެއް ނުކުރަން،" ނަޝީދު ވިދާޅުވިއެވެ.

މިމަހުގެ 19 ވާ ހުކުރު ދުވަހުން ފެށިގެން 21 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސްއަށް ނަޝީދު ވަނީ ގާނޫނު އަސާސީއަށް ގެންނަން އިސްލާހުތަކެއް ހުށަހަޅުއްވައިފައެވެ.

  • ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާނަމަ އެއީ އިންތިހާބު ކާމިޔާބު ކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުން
  • ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޖުމުލަ ވޯޓުގެ 30 ޕަސަންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ކަނޑައެޅުން
  • ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށާއި އެ ވޯޓުގެ ނަތީޖާއާ އެއްގޮތަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން އެއްބަސްވުން
  • ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ގާނޫނު އަސާސީގައި ކަނޑައެޅުން
  • މިނިވަން މުއައްސަސާތަކުގެ އަދަދާއި އެ މުއައްސަސާތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުން

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހުވެސް ވަނީ ނުސީދާ ގޮތެއްގައި ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.