ދުނިޔޭގައި އަހަރެއްގެ މައްޗަށް ގާތްގަޑަކަށް 756 މިލިޔަން ޓަނުގެ ހަނޑޫ ހައްދައެވެ. މުޅި ދުނިޔޭގައި ހައްދާ ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ތިންވަނަޔަށް އެންމެ ގިނައިން ހައްދާ ބާވަތަކީވެސް ހަނޑުލެވެ. އެންމެ ގިނައިން ހަނޑޫ އުފެއްދުމާއެކު އެންމެ ގިނައިން ހަނޑޫ ބޭނުންކުރަނީވެސް އޭޝިޔާގެ ގައުމުތަކުންނެވެ.
ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ހައްދަނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ދެ ގައުމުންނެވެ. ޗައިނާއާއި އިންޑިޔާއިންނެވެ. ޗައިނާއިން އަހަރަކު ގާތްގަނޑަކަށް 211 މިލިޔަން ޓަނުގެ ހަނޑޫ އުފައްދައެވެ. އިންޑިޔާގެ އުފެއްދުމަކީ އަހަރަކު ގާތްގަނޑަކަށް 178 މިލިޔަން ޓަނެވެ. މި ދެގައުމުގެ އުފެއްދުންތައް ޖުމްލަކޮށްލީމާ 389 މިލިޔަން ޓަނަށް އަރައެވެ. މިއީ މުޅި ދުނިޔޭގެ ޖުމްލައިގެ ދެބައިކުޅަ އެއްބަޔަށްވުރެވެސް މަތީ މިންވަރެކެވެ.
ހަނޑޫ ހެއްދުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާޔާއި އިންޑިޔާއާ ކައިރިކޮށްލެވޭ ބަޔަކުވެސް ނެތެވެ. ލިސްޓުގެ ތިންވަނައިގައި އޮތް އިންޑޮނީޝިޔާއަށް ހެއްދެނީ އަހަރަކު ގާތްގަނޑަކަށް 55 މިލިޔަން ޓަނެވެ. ލިސްޓުގެ ހަތަރުވަނައިގައި އޮތް ބަނގްލަދޭޝްއަށް އަހަރަކު ހެއްދެނީ ގާތްގަޑަކަށް 54.6 މިލިޔަން ޓަނެވެ.
ހަނޑޫ ހެއްދުމުގައި އެންމެ ކުރީގައި އުޅޭ ދިހަ ގައުމަށް ބަލާއިރު ޓޮޕް ނުވަ ގައުމަކީވެސް އޭޝިޔާގެ ގައުމުތަކެވެ. ކުރިން ބަޔާންކުރެވުނު ގައުމުތަކުގެ އިތުރަށް މި ލިސްޓުގައި ދެން އޭޝިޔާއިން ހިމެނެނީ ވިއެޓްނާމް، ތައިލެންޑް، ބަރުމާ، ފިލިޕީންސް އަދި ޕާކިސްތާނެވެ. އޭޝިޔާ ނޫން ގައުމަކަށް ޓޮޕް ދިހައެއްގައި ހިމެނެނީ ލިސްޓުގެ ދިހަ ވަނައިގައިވާ ބްރެޒިލްއެވެ. ބްރެޒިލްއަށް ހެއްދެނީ އަހަރަކު ގާތްގަޑަކަށް 10.5 މިލިޔަން ޓަނުގެ ހަނޑުލެވެ. ޓޮޕް ދިހައެއްގައި ހިމެނޭ ގައުމުތައް ފިޔަވައި ދެން ދުނިޔޭގެ ހުރިހައި ގައުމުތައް އެއްކޮށްލައިގެންވެސް އުފެއްދެނީ އަހަރަކު ގާތްގަޑަކަށް 119 މިލިޔަން ޓަނުގެ ހަނޑުލެވެ.