Close
ޚަބަރު

ބުރިޖުގެ މަސައްކަތް ފަށާތީ މާދަމާއިން ފެށިގެން މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާ!

މުހައްމަދު އިޝާން

ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ މާލެ އާއި ވިލިމާލެ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ، މާލެ-ތިލަފުށި ލިންކްގެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅީގައި ބުރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ، މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅި މާދަމާއިން ފެށިގެން ބަންދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ، ދެކުނުގެ އަތޮޅުތަކުން ގާދޫކޮޅު ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމްކޮށްފައިވާ ބުރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިމަހުގެ ދެ ވަނަ ދުވަހު ވަނީ ފަށައިފައެވެ.

"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ތައްޔާރުކުރަންޖެހޭ ޑީޓެއިލް ޑިޒައިނަށް ބޭނުންވާ އެންމެ މުހިންމު ސާވޭގެ ތެރޭގައި ހިމެނޭ "ޖިއޯޓެކްނިކަލް ސާވޭ" މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ފަށައިފައެވެ. އެ ބްރިޖުގެ ފައުންޑޭޝަން މަސައްކަތް މިއަހަރު މެދުތެރޭގައި ފަށަން ހަމަޖެހިފައިވާ ކަމަށް އެ މަޝްރޫއު ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް އިން ކުރިން ވަނީ ބުނެފައެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އެއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

އެ ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.