ޚަބަރު

ޝިއާއުގެ ކަށުނަމާދު މިރޭ އިޝާ ނަމާދަށް ފަހު ފުވައްމުލަކުގައި

އަލީ ޔާމިން

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ކަށު ނަމާދު މިރޭ އިޝާ ނަމާދަށް ފަހު ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ޝިއާއުގެ ކަށު ނަމާދު ކުރަނީ މިރޭ އިޝާ ނަމާދަށް ފަހު ފުވައްމުލަކު ސިޓީގެ މަސްޖިދުލް އިނާރާ (ބޯޅަ މިސްކިތް)ގައެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ޖަނާޒާ، އޭނާގެ އުފަން ރަށުގައި ބާއްވަނީ އާއިލާއިން އެދިގެންނެވެ. މިއަދުގެ ހަވީރުގެ ވަގުތެއްގައި ޝިއާއުގެ ހަށިގަނޑު ފުވައްމުލަކު ސިޓީއަށް ގެންދިއުމަށް ވަނީ ހަމަޖައްސައިފައެވެ.

އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު ރޭ ވަނީ މާލެ ގެނެސްފައެވެ. ޝިއާއުގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމް ހަދާފައިވާ އިރު، ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.