ޚަބަރު

އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ފްރީޒް ކުރި އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފި

އަލީ ޔާމިން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާއި ގުޅިގެން ފްރީޒްކޮށްފައިވާ އެސްއޯއެފް ކުންފުނީގެ އެކައުންޓްތައް ދޫކޮށްލަން ސިވިލް ކޯޓުން އަމުރު ކޮށްފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަމަލުތަކާއި ގުޅިގެން ދިހަ ކުންފުންޏަކާއި ދެ މީހެއްގެ ބޭންކް އެކައުންޓް ފްރީޒް ކުރަން ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވެއެވެ.

އޭގެ ތެރޭގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ސާވިސް ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ސްޓޫޑިއޯ ޕްރައިވެޓް ލިމިޓެޑާއި، އެސްއޯއެފް ޑިވެޕޮލްމަންޓް ޕްރައިވެޓް ލިމިޓެޑު ހިމެނެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، އެސްއޯއެފްގެ އެކައުންޓްތައް ދޫކޮށްލުމުގެ އަމުރެއް ދެ ތާރީހެއްގައި ސިވިލް ކޯޓުން ނެރެފައިވާ ކަމަށެވެ. އެއީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހާއި މި މަހުގެ ހަތް ވަނަ ދުވަހުއެވެ. ނަމަވެސް މި ދެ އަމުރު ނެރުނު ސަބަބެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

މި އަމުރާ ގުޅިގެން، މި އެކައުންޓުތައް ދޫކޮށްލައިފައިވޭތޯ ބޭންކް އޮފް މޯލްޑިވްސް އިން ޔަގީން ކުރުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ނުވެފައެވެ.

އެމްއެމްޕީއާރްސީ އޮޑިޓްކޮށް، އޮޑިޓް އޮފީހުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ އަގު 79 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ބަހާފައިވަނީ އެސްއޯއެފް ކުންފުނި މެދުވެރިކޮށެވެ. އެކުންފުންޏަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ ކުންފުންޏެކެވެ.