އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާގެ ކަންކަން ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދަން ހަމަޖައްސައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ޖަނާޒާ، އޭނާގެ އުފަން ރަށުގައި ބާއްވަނީ އާއިލާއިން އެދިގެންނެވެ. އަދި މާދަމާގެ ހަވީރުގެ ވަގުތެއްގައި ޝިއާއުގެ ހަށިގަނޑު ފުވައްމުލަކު ސިޓީއަށް ގެންދާނެކަން އެނގިފައިވެއެވެ. ނަމަވެސް ކަށުނަމާދު އޮންނާނެ ސީދާ ގަޑިއެއް އަދި ސާފެއް ނޫނެވެ.
އިންޑިއާއިން ޕޯސްޓްމޯޓަމް ހެދުމަށް ފަހު ޝިއާއުގެ ހަށިގަނޑު މިރޭ ވަނީ މާލެ ގެނެސްފައެވެ. ޝިއާއުގެ ހަށިގަނޑު މިވަގުތު އޮތީ ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީގައެވެ.
ޝިއާއުގެ ޕޯސްޓްމޯޓަމް ހަދާފައިވާ އިރު، ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއު ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ އޮތީ ވަކިކޮށްލައިފައެވެ. އަދި އަތާއި ފައިވެސް ބުރިކޮށްލައިފައިވާކަން އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު