ބަންލަދޭޝްގެ އަލަމްގީރާ އެކު އެއްޖިންސުން ގުޅުންހިންގަނިކޮށް ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ އެއްޖިންސުން ގުޅުން ހިންގި މައްސަލަތަކުގައި ފުލުހުންގެ ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލާފައިވާ ކަމަށެވެ. ތިން މީހުންގެ މައްސަލަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، އެ މީހުން ބަންދުން ދޫކޮށްލާފައިވަނީ ބަންދުގައި އިތުރަށް ބައިތިއްބަން ޖެހޭ ކަމަށް ޕީޖީއަށް ނުފެންނަ ކަމަށް ނިންމުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ބަންދުން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ ނާޒިމް އަބްދުއްސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހަތަރު މީހަކަށް ވަނީ ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފައެވެ. އެއީ އަލަމްގީރާއި ނާޒިމް އަބްދުއްސައްތާރާއި ކާނަލް ނަޝީދުގެ އިތުރުން އަބްދުއްރަހްމާން ރަފީއުއަށެވެ. ނަމަވެސް އަލަމްގީރް އަދިވެސް ހުރީ ބަންދުގައެވެ.

އެއްޖިންސުން ގުޅުންހިންގި މައްސަލައިގެ ތުހުމަތުކުރާ ބައެއް މީހުން ސަރުކާރުގެ އޮފީސްތަކުން ސަސްޕެންޑް ކޮށްފައިވާއިރު، އެކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ބައެއް މީހުން ރާއްޖޭން ބޭރަށް ފުރާފައިވާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކުރީގެ ނޫސްވެރިޔާ އަލީ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރުކޮށްފައެވެ. އެއީ އިތުރު 10 ދުވަހަށެވެ.