ވ. އާރަށުގެ މައްސަލައިގައި އެއްވެސް ފަރާތަކަށް ބިރުދައްކައި ހެއްކަށް ނުފޫޒުފޯރުވަން މަސައްކަތް ނުކުރައްވާ ކަމަށާއި ނަމަވެސް ފެނިގެންދަނީ މި ސަރުކާރުން އެމަނިކުފާނުގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަށް ގުޅައި މައްސަލައަށް ނުފޫޒުފޯރުވަން މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރައީސް ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން ވަނި ހުށަހަޅައިފައެވެ.

ލޯފާމެއް ކަމަށްވާ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕީޖީ އޮފީހަށާއި ފުލުސް އޮފީހަށް ފޮނުވި ސިޓީއެއްގައި ތުހުމަތުކުރީ ހެކިބަސް ދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ޔާމީން ތަފާތު ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މި ވެރިކަމުގައި އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން މިނިވަންވެވަޑައިގެންނެވުމަށްފަހު، ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވީ އާރަށު މައްސަލައިގައި އެމަނިކުފާނު ހެއްކަށް ނުފޫޒު ފޯރުވާކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

"ކީއްކުރަންތޯ މިއަދު ނުފޫޒު ފޯރުވަންވީ. އާރަށުގެ މައްސަލަ ހިނގާތާ ލައްކަ ޒަމާންވެއްޖެ ދެއްތޯ. އަޅުގަނޑު ނުފޫޒުފޯރުވާ ނަމަ އޭގެ ހެކި ބައެއްގެ އަތުގައި ހުންނަން ވާނެ،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ހެއްކަކަށް ނުފޫޒު ފޯރުވަން ޖެހޭ ހާލަތެއް ހުންނެވި ބޭފުޅެއް ނޫން ކަމަށާއި އެކަންކަމާ ކުރިމަތިލައްވާނީ ކެރިގެން ކަމަށެވެ.

ފަނޑިޔާރުންގެ ކިބައިން ބަދަލުހިފާނެ ކަމަށް ވިދާޅުވެފައި ނުވާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ތެރެއިން އަދުލުގެ ނިޒާމާ ހިލާފަށް ނުފޫޒެއްގެ ތެރެއިން ކަންކަން ކުރައްވާފައިވާ ފަނޑިޔާރުންގެ މައްސަލަ ބައްލަވާނެ ކަމަށެވެ.

"ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބުނޭ ދެއްތޯ ފަނޑިޔާރުން ބަލާ މައްސަލައަކާ ގުޅިގެން އެއްވެސް ފަރާތަކުން ގުޅާ ހަދައިގެން ނުވާނޭ. މިހާރު އެދަނީ މިސަރުކާރުން ގުޅަމުން ދެއްތޯ، ހާއްސަކޮށް ރައީސް ޔާމީންގެ މައްސަލައިގައި،" ޔާމީން ވިދާޅުވިއެވެ.

އެހެންކަމުން ފަނޑިޔާރުގެއަކީ އެއްވެސް ބައެއް ނުފޫޒު އޮތް ތަނަކަށް ވެގެން ނުވާނެ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ފަނޑިޔާރުންނަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތް ކުރައްވާ ބައެއްކަން ޔަގީން ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.