ޚަބަރު

ގިސާސް ހިފަން ތާއީދު ކުރިޔަސް ރާއްޖޭގެ ނިޒާމުތައް އެކަމަށް ފުރިހަމަތޯ ޔާމީން ސުވާލު އުފައްދަވައިފި

1

ގިސާސް ހިފުން ނުވަތަ މަރުގެ އަދަބު ދިނުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގެ ޝަރުއީ ނިޒާމު އެކަމަށް އެންމެ އެކަށޭނެ ގޮތަކަށް އޮތް ކަމަކަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތްވެވަޑައިގެން ނޫސްވެރިންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ޔާމީން މިރޭ ވިދާޅުވީ ގިސާސް ތަންފީޒުކުރަން ޖެހޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލުނުވާ ކަމަށެވެ. ނަމަވެސް އެކަމަކީ އެމަނިކުފާނަށް އެކަނި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.

ޔާމީން ވިދާޅުވީ ގިސާސް ހިފުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ކަމަށްވިޔަސް، މިއަދު ރާއްޖޭގެ ޖިނާއީ ތަހުގީގުގެ ފޭރާން ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ރާއްޖޭގައި ތަހުގީގުތައް މި ކުރެވެނީ ކިިހިނެއްތޯ؟ ރާއްޖޭގައި މި ކުރެވޭ ޖިނާއީ ތަހުގީގުތަކާ ދޭތެރޭ ރައްޔިތުންގެ އެއްވެސް ކަހަލަ އިތުބާރެއް އެބަ އޮތްތޯ؟ ޝަރުއީ މަރުހަލާ ފެށޭ ހިސާބަކީ ތަހުގީގު. ތަހުގީގު ފޭރާން މިހާ ދަށް ކަމަށް ވަންޏާ ކިހިނެއްތޯ ފަނޑިޔާރުން މައްސަލަ ނިންމަވާނީ؟، ފަނޑިޔާރުންނަކީ އަމިއްލަފުޅަށް ތަހުގީގު ކުރައްވާ ބައެއް ނޫން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވަނީ ރާއްޖޭގެ ޖިނާއީ ތަހުގީގު ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން އޭގެ ތެރޭގައި ގާނޫނުތަކާއި ފަނޑިޔާރުންގެ ވިސްނުމާއި ފަނޑިޔާރުން ޕްރެކްޓިސް ކުރައްވާ ގޮތްތަކަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ފަސްދޮޅަސް އަހަރުގެ ތެރޭގައި ރާއްޖޭގައި ނުކޮށް އޮތް ކަމެއް ކުރާއިރު، ވަރަށް ގިނަ އިޖުރާއީ ކަންތައްތަކެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.

"މީހެއްގެ މަރު ހިފާއިރު، އެ ހިފާ މެތޮޑޮލޮޖީ، އެ މަރު ހިފާގޮތް ވެސް ވާންޖެހޭ ހިއުމޭން ކަމަކަށް. އެންމެ ހިއުމޭން ކަމެއް ގޮތަށް ފެނިގެންދިޔައީ ލީތަލް އިންޖެކްޝަން. އެއިން މީހާއަށް ވާނުވާއެއް ނޭނގޭނެ. މީހާއަށް ފެނިގެން މީހާއަށް މި ކުރަނީ ކިހާވަރެއްގެ ކަމެއްކަން އެނގޭ ނަމަ އެއީ އެކަން ކުރަން އޮންނަ އެންމެ ރަނގަޅު ގޮތެއްވެސް ނޫން. އެމީހާ ދުނިޔެއާ އަލްވަދާއު ކިޔާއިރުވެސް އޭނައަށް އެކަން ކުރެވެން މި ޖެހެނީ އެންމެ އިންސާނިއްޔަތަށް ވިސްނާފައި އެންމެ އިންސާނިޔަތުކަމާ އެއްކޮށް،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މަރުގެ އަދަބު ދިނުމަކީ އޭނާގެ ވެރިކަމުގައި އެއްވެސް ވަރަކަށް ނުކުރަން ދޫކޮށްލި ކަމެއް ނޫން ކަމަށާއި މަރުގެ އަދަބު ތަންފީޒު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށެވެ. އެގޮތުން ގިސާސް ހިފުމަށް ދޫނިދޫގައި ޗެމްބާއެއް ގާއިމު ކުރެވިގެންދިޔަ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެ މަޝްރޫއަކީ އެއިރުގެ ސަރުކާރުގެ ވަކި މިނިސްޓަރަކަށް އެކަނި ކްރެޑިޓް ނެންގެވޭނެ މަސައްކަތެއް ނޫން ކަމަށާއި އެއީ މުޅި ކެބިނެޓްގެ ނިންމުމެއް ކަމަށެވެ. އަދި އެކަމަށް އެއްވެސް ވަޒީރަކު ދެކޮޅު ނުހައްދަވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.