ހުތުރުކަން ބޮޑު ފާހިޝް އަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާ ތަކާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ގާނޫނީ އޮނިގަނޑެއް އަވަހައް ވުޖޫދު ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގުމުގެ ނުރައްކާތެރި ފާހިޝް އަމަލުތައް ދައްކުވައިދޭ އެތައް ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ފަރުރާފައިވާއިރު އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ފުރިހަމަ ނިޒާމެއްގެ މުހިއްމުކަން ފާހަގަ ކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
އެ ޓްވީޓުގައި މިނިސްޓަރު އިމްރާން ވިދާޅުވީ، އެފަދަ ގާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާއީ އަހުލާގިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނިގައިދާނެކަމަށެވެ.
މިފަހުން ސޯޝަލް މީޑިއާތަކުގައި އާއްމު ކުރި އެއްޖިންސުން ގުޅުންހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ތަކުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގިނަ ބަޔަކު ވަނީ ހައްޔަރު ކޮށްފައެެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނާމެދު ދައުވާ ކުރުމުގެ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު ބައެއް މީހުންގެ ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ.
އޭގެ ތެރެއިން ބައެއް މީހުން ރާއްޖޭން ބޭރަށްވެސް ވަނީ ފުރައިގެން ގޮސްފައެވެ.
ފުލުހުން ބުނީ، އެ މައްސަލަތަކުގެ ތަހުގީގުގައި މީހުން ދެނެގަނެ، ރާއްޖެއިން ފުރުން މަނާ ކުރުމުގެ އަމުރު ނެރުނުއިރު ބައެއް މީހުން ރާއްޖެއިން ފުރާފައިވާކަން އެނގިފައިވާ ކަމަށެވެ. ނަަމަވެސް އެމީހުންގެ މައްސަލަތައް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ތަހުގީގުގެ ތެރެއިން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެެވެ.
ޚަބަރު
ޚަބަރު
ޚަބަރު