ޚަބަރު

ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް: ޔާމީން

އަލީ ޔާމިން

ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް އެ ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ތ.ގާދިއްފުށީ ކައުންސިލްގެ ހުސްވެފައިވާ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ހައްވާ އަބްދުލް ހާދީއަށް ވޯޓުދިނުމަށް އެދިވަޑައިގެން ޔާމީން ރޭ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ޕީޕީއެމް އަކީ މިހާރު ރާއްޖެ އޮތް ހާލަތުން އެހެން ހާލަތަކަށް ރާއްޖެ އަނބުރާ ގެންގޮސް ދިވެހިންގެ ރާއްޖެއަކަށް ހެދުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ.

"މިއީ ހަމައެކަނި ވަތަނީ ފިކުރެއްގައި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ޕާޓީ ކަމަށް އަޅުގަނޑު ދެކެނީ." އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ރަށު ފެންވަރުގައިވެސް ސިޔާސީ ނުފޫޒު ހިންގޭ ރަސްމީ މަގާމުތަކުގައި ތިބޭ ފަރާތްތަކަކީ ގައުމުގެ ހާލަތު ބަދަލުކޮށް ގައުމުގެ ރައްޔިތުން އެދޭ އަމާން، އުފާފާގަތި އަދި ތަނަވަސް ރާއްޖެއަކަށް ބަދަލުކުރަން މަސައްކަތް ކުރެވޭނެ ފަރާތްތަކެއް ކަމަށާއި އެފަރާތްތަކަކީ ޕީޕީއެމްގެ ފިކުރުގެ ބައެއް ނަމަ، ގައުމު އިސްލާހުކުރަން ޕީޕީއެމުން ކުރާ މަސައްކަތްތައް އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމާއި މ. ދިއްގަރު ކައުންސިލަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.