ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާ އެއްކީލި ފަތުރުވެރިކަމުގެ އީޖާދީ ހިޔާލުތައް ހުށަހަޅަން ހުޅުވާލައިފި

އަލީ ޔާމިން

މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފަތުރުވެރިކަމަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމަށް އެ ދާއިރާއަށް އަމާޒުކޮށް އުފެއްދުންތެރި އިޖާދީ، ހިޔާލު ހުށަހަޅައިގެން ހިލޭ އެހީ ހޯދުމުގެ ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖައްސައިފައިވަނީ ޔޫއެސްއެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކޮންސެޕްޓް ޕޭޕަރު ހުށަހެޅުމުގެ މުއްދަތު މިމަހުގެ ނިޔަލަށް ލިބޭނެއެވެ. ކޮންސެޕްޓް ޕޭޕަރު [email protected] އަށް އީމެއިލް އެޑްރެސް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

މި ފުރުސަތުގައި ކަރުދާސް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގިނަވެގެން ފަސް ފަރާތަކަށް، ކޮންމެ ފަރާތަކަށް 50،000 އާއި 200،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދަކަށް ގްރާންޓް ދޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

މި ފުރުސަތު އަމާޒުކުރެވިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އީޖާދީ އާ ހައްލުތަކެއް ހޯދައިދިނުމަށެވެ. އޭގެ ތެރޭގައި، ޓެކްނޮލޮޖީއާއި ހިދުމަތް ފޯރުކޮށްދީ ލިބިދިނުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރެވިދާނެ އާ ގޮތްތައްވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މި ދާއިރާއިން އިންސާނީ ވަސީލަތް ބިނާކުރުމުގެ ފުރުސަތުވެސް ހިމެނޭނެއެވެ.

ޔޫއެސްއެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑަޕްޓޭޝަން ޕްރޮޖެކްޓަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމާއެކު ދެމެހެއްޓެނިވި، ވިޔަފާރީގެ ގޮތުން ފުދުންތެރި އަދި "މާކެޓް-ޑްރިވަން" ހައްލުތަކެއް ހޯދައިދީ ތަރައްގީކޮށް، ފޯރުކޮށްދިނުމަށް ފަސް އަހަރު ދުވަހަށް ހިންގޭ ޕްރޮޖެކްޓެކެވެ.

ހުށަހެޅިދާނެ އީޖާދީ ހައްލުތައް

  • "ކެޓަލިޓިކް ސީޑް ފަންޑިން" މެދުވެރިކޮށް އިންވެސްޓްމަންޓް އިތުރުކުރުމުގެ ފުރުސަތު ފަހިކުރުން
  • މޫސުމަށް އަންނަ ބަދަލުތަކަށް ނާޒުކު ސަރަހައްދުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް އެޑަޕްޓޭޝަން ޕްރޮޖެކްޓުތައް ހިންގުން
  • މޫސުމީ ހިރާސްތަކާ ބެހޭ މައުލޫމާތު ފުޅާދާއިރާއެއްގައި ފެތުރުމާއި ފޯރުކޮށްދިނުން

ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ކޮންސެޕްޓު ހުށަހެޅުމަށް ޔޫއެސްއެއިޑުން ބާރު އަޅައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ މަދަނީ ޖަމްއިއްޔާތަކާއި ޕްރައިވެޓް ސެކްޓަރުގެ ހަރަކާތްތެރިންނާއި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްތަކަށްވެސް ކޮންސެޕްޓު ހުށަހެޅޭނެ އެވެ.