ޚަބަރު

ރައީސް ޔާމީން މާދަމާރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އަލީ ޔާމިން

އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ޕީޕީއެމުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާނީ މާދަމާރޭ 8:30 ގައި ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މ.ދިމްޔާތުގެ ހަތް ވަނަ ފަންގިފިލާގައެވެ.

މިއީ ރައީސް ޔާމީންގެ ވެރިކަން ނިމުނުފަހުން އެމަނިކުފާނު ނޫސްވެރިންނާ ރަސްމީ ސިފައެއްގައި ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. ނަމަވެސް އެމަނިކުފާނު ވަނީ ބައެއް ޓީވީ ޗެނަލްތަކާއި އޮންލައިން ނޫސްތަކަށް ވަކިވަކިން އިންޓަވިއުތައް ދެއްވައިފައެވެ.

ރައީސް ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އާރަށް މައްސަލައިގައި އެމަނިކުފާނަށް ކުރާ ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ހެއްކެއްގެ ގޮތުގައި ހާޒިރު ކުރި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ އެމަނިކުފާނަކީ އެމްއެމްޕީއާރްސީގެ މޭސްތިރިޔާކަން ދޭހަވާ މޭރުމުން ވާހަކަ ދައްކަވައި، ވައްކަމުގެ ގިނަ ތުހުމަތުތަކެއް އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވައިފައެވެ. އަހުމަދު ނާޒިމަކީ ރައީސް ޔާމީންގެ އެންމެ ޒަމާންވީ އެއް އެކުވެރިޔާވެސް މެއެވެ.