ޖަރުމަނުގެ ފޯވަޑް ޓިމޯ ވާނާ އަނބުރާ ޖަރުމަނުގެ ރެޑްބުލް ލެއިޕްޒިގަށް ފޮނުވާލަން ޗެލްސީން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އިއުލާންކޮށްފިއެވެ.
މީގެ ދެ ސީޒަން ކުރިން ޗެލްސީން ވާނާ ގަނެފައި ވަނީ 50 މިލިއަން ޕައުންޑުގެ އަގަށެވެ. ވާނާ ޗެލްސީއަށް ގެންގޮސްފައި ވަނީ ލެއިޕްޒިގްގައި ރަނގަޅު ރެކޯޑުތަކެއް ހެދުމަށްފަހުއެވެ. ލެއިޕްޒިގަށް ކުޅުނު 127 މެޗުން ވާނާ ވަނީ 78 ގޯލު ޖަހައިފައެވެ. އެ ރެކޯޑާއެކު ޗެލްސީން ވާނާ ގެންދިޔަ ނަމަވެސް، އޭނާއަށް ޗެލްސީއަށް އެކަށީގެންވާ އަދަދެއްގައި ގޯލު ޖެހިފައެއް ނުވެއެވެ.
ވާނާ މިހާތަނަށް ޗެލްސީއަށް ކުޅުނު 56 މެޗުން އޭނާއަށް ލިބިފައި ވަނީ 10 ގޯލެވެ. އެހެން ނަމަވެސް ވާނާއަކީ ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ސީޒަނުގައި މުހިއްމު ރޯލެއް އަދާކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ޗެމްޕިއަންސް ލީގުގެ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ވާނާއަށް ޗެލްސީގެ ފުރަތަމަ 11 އިންވެސް ފުރުސަތު ލިބިފައެއް ނުވެއެވެ.
މި ސީޒަނަށް ޗެލްސީން ތައްޔާރުވަމުން ދިޔަ އިރު، ވާނާ ފޮނުވާލަން ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެން ނަމަވެސް މިދިޔަ ހަފުތާ ޗެލްސީން ލެއިޕްޒިގާ މަޝްވަރާކޮށް މިހާރު ވަނީ 20 މިލިއަން ޔޫރޯގެ އެއްބަސްވުމަކަށް ވިއްކާލަން އެއްބަސްވެފައެވެ. އަދި އޭގެ އިތުރުން ބޯނަސް ފައިސާ ދޭން ޗެލްސީން އެއްބަސްވެފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވާ އިރު، ވާނާ ވަނީ ޗެލްސީ ދޫކޮށްލާނެކަން ރަސްމީކޮށް އިއުލާންކޮށް، ލެއިޕްޒިގަށް އެނބުރި ދިޔަކަންވެސް އިއުލާން ކޮށްފައެވެ.
ވާނާގެ ވަދާއީ މެސެޖުގައި ޗެލްސީގައި ހޭދަކުރި ދުވަސްތަކުގައި ހޯދުނު ކާމިޔާބީތައް ފާހަގަކޮށް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައިވެއެވެ. އޭނާ އެނބުރި ގޮސް ލެއިޕްޒިގުގެ ސަޕޯޓަރުންނަށް ބުނެފައި ވަނީ އެ ކްލަބަށް އެނބުރި އައިކަން އަންގާލަން ބޭނުންވާ ކަމަށެވެ.
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް