ކަޅު ދަބަހެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު، ގެނައި 15 މިލިއަން ރުފިޔާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަތްޕުޅަށް ދިންއިރު އެތަނުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިގޮތަށް ވިދާޅުވީ ވ. އާރަށް މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްގެންދާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދެއްވަމުންނެވެ.
"އަޅުގަނޑު ހުރިތަނެއްގައި އަހުމަދު އަދީބު ކަޅު ދަބަހެއްގައި ގެނައި ފައިސާ ޔާމީނަށް ދިން. އެއީ ދޫވެހީގައި. އަދީބު ދެންނެވި އެއީ 15 މިލިއަން ރުފިޔާއޭ،" އެ ކަޅު ދަބަހުގެ އެތެރެ ނުފެންނަކަން ފާހަގަކޮށް ނާޒިމް ވިދާޅުވިއެވެ.
ހެކިބަސް ދެމުން އޭނާ ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދިނުމަށް އޭނާ އިސް ދައުރެއް އަދާކުރައްވާފައިވާނެ ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށެވެ.
"ޔާމީން ވަރަށް ސާފުކޮށް ވިދާޅުވި އެ ހުރިހާ ފައިސާއެއްވެސް ތިމަންނައަށް ލިބެއޭ. އަދި ތިމަންނަ ފޮނުވައިގެންނޭ އަދީބު ލާރި ނަގަނީ. އެގޮތަށް ވިދާޅުވެފައި ވިދާޅުވި ހަތަރު ވިޔަފާރިވެރިއެއްގެ ވާހަކަ. ހަމަ ނަމުން ވިދާޅުވީ. ދެން އަޅުގަނޑު އެ ބޭފުޅުންގެ ނަމެއް ނުދަންނަވާނަން. އެއް ބޭފުޅަކު ވިދާޅުވެދާނެއޭ އެއްލައްކަ ޑޮލަރު ދެއްވާނަމޭ، އަނެއް ބޭފުޅަކު ވިދާޅުވާނެއޭ ދެ ލައްކަ ޑޮލަރު ދެއްވާނެއޭ. ދެން ތިމަންނައޭ އަދީބު ފޮނުވަނީ އެ ފައިސާ ބަލައި. އެ ފައިސާ ނަގައިގެން އައިސް ތިމަންނައަށް ދެއްވައޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރޭވިގެން ރައީސް ޔާމީންގެ ކެމްޕެއިނަށް ނެގި ފައިސާ އަނބުރާ ދައްކަން ހިންގި ހިޔާނާތެއް ކަމަށް ވިދާޅުވެފައެވެ.