ވަޒީފާދޭ ފަރާތްތަކާއި ވަޒީފާއަދާކުރާ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް މައްސަލަތައް ބަލައި އަވަސް ފިޔަވަޅު އެޅޭނެ ނިޒާމެއް އަތޮޅު ފެންވަރުގައި ގާއިމުކުރުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) އާއެކު އެއްބަސްވެ ކަމާގުޅޭ ޔުނިޓެއް ގާއިމްކޮށް އޮތޯރިޓީ މުވައްޒަފުން ނ. އަތޮޅުގައި ބައިތިއްބައިގެން ހިދުމަތް ދިނުމުގެ މަސައްކަތް ކުރުމަށް ނ. އަތޮޅު ކައުންސިލުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އިއްޔެއެވެ.
ނ. އަތޮޅު ކައުންސިލްގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެއެއްބަސްވުމުގައި، ނ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. ލޭބާ ރިލޭޝަން އޮތޯރިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރު، އަހުމަދު މިޒްހަތު ނައީމުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިޒްހަތު ވިދާޅުވީ، މިއީ އެލްއާރްއޭގެ ފަރާތުން ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުމަށް އެޅޭ މުހިންމު ފާލެއް ކަމަށެވެ. އެލްއާރްއޭގެ އޮފިސަރުން ނޫނު އަތޮޅުގައި ގާއިމުވެ ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވަނީ އަތޮޅުގައި ލަގްޒަރީ ފެންވަރުގެ ރިސޯޓުތައް ގިނަވުމާއެކު، މުވައްޒަފުންގެ މައްސަލަތައް ގިނަވާނެ ކަމަށް ބަލއިފައިކަމަށް ވިދާޅުވިއެވެ.
ބަޝީރު ވިދާޅުވީ، އެލްއާރްއޭ އަކީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ކަންތައްތަކާއި، ބިދޭސީން ގެންގުޅެމުން އަންނަ ގޮތާއި، މުވައްޒަފުންގެ މުސާރަ މިނިމަމް ވޭޖް ގަވާއިދަށް ފެތޭތޯ ބަލައި މުވައްޒަފުންނާއި ގުޅުންހުރި ކަންކަން ބެލުމަށް ހުންނަ އިދާރާއެއް ކަމަށާއި، އެ އިދާރާ އަތޮޅުތެރެއަށް ތައާރަފުވުމުން އަތޮޅުތެރޭގައި ހުރި އެފަދަ މައްސަލަތައް ހައްލުކުރެވިގެން ދާނެ ކަމަށެވެ.
ނ. އަތޮޅުގައި ގާއިމުކުރާ އެލްއާރްއޭ ޔުނިޓްގެ ހިދުމަތް ވަރުގަދަކުރެވި، ރަށު ކައުންސިލްތަކާއިއެކު ވެސް ޔުނިޓުން ކުރަމުން އަންނަ މަސައްކަތްތައް ގުޅި ލާމެހި، އަތޮޅުތެރޭގައި ގަވާއިދާއި ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ވެސް ގަވާއިދުގެ ތެރެއަށް ގެނެވޭނެ ގޮތެއް ކައުންސިލްތަކާއި ގުޅިގެން ކުރެވިދާނެ ކަމަށް ބަޝީރު ވިދާޅުވިއެވެ.
ނ. އަތޮޅުގައި އެލްއާރްއޭގެ ޑެސްކެއް ގާއިމްކުރުމަށް އެއްބަސްވެފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން މުވައްޒަފުން ނެގުމަށް އިއުލާން ކުރުމާއި، މުވައްޒަފުން ނެގުމުގެ އެންމެހާ ކަންތައްތައް ކުރާނީ އެލްއާރްއޭ އިން ކަމަށް އެއްބަސްވުމުގައި ވަނީ ހިމަނައިފައެވެ.