ފިހާރައެއްގެ ސޭޓަކަށް ހުރި ބަންގުލަދޭޝް ރައްޔިތެއް ކަމަށްވާ މުހައްމަދު ޝަކީލް ހޮސައިން، އެ ފިހާރައަށް ވަން އަންހެނެއްގެ އުރަމަތީގައި ހިފި ކަމަށް ބުނާ މައްސަލަ އޭނާގެ މައްޗަށް ސާބިތެއް ނުވިއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު މާލޭގައި ހިނގައިދިޔަ ހާދިސާއަކާ ގުޅިގެން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މުހައްމަދު ޝަކީލް ހޮސައިންގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ ދައުލަތުން ހުށަހަޅާފައިވަނީ އެދުވަހު ހަވީރުގެ ވަގުތެއްގައި އޭނާ ސޭޓަކަށް ހުރި ފިހާރައަށް ވަން އަންހެނަކު، އެ ފިހާރާގައި ހުރި ފުރިޖު ކައިރީގައި ހުރެ، ރޯމިރުސް ނަގައިދޭން އެދުމުން ފުރިޖު ކައިރިއަށް ގޮސް މިރުސް ނަގައިދިނުމަށްފަހު ފިހާރައިގެ ކައުންޓަރު ކައިރިއަށް ދިޔަ މަގުމަތީގައި އޭނާގެ އަތުން އަންހެން މީހާގެ އުރަމަތީގައި އަތްލި މައްސަލައެއްގައެވެ.

މި ދައުވާއަށް މުހައްމަދު ޝަކީލް ހޮސައިން އިންކާރު ކޮށްފައިވާތީ ޝަރީއަތް ކުރިއަށްގެންދިޔައީ ހެކީގެ މައްޗަށް މައްސަލަ ސާބިތުވާގޮތަށެވެ. އެގޮތުން މި މައްސަލަ ސާބިތުކުރުމަށް އެ ހާދިސާ ހިނގި އަންހެން މީހާއާއެކު ދައުލަތުން ހަތަރު ހެތްކެއް ކޯޓަށް ހުށަހެޅިއެވެ.

އޭގެ ތެރެއިން އެ ހާދިސާ ހިނގި އަންހެން މީހާ ޝަރީއަތުގެ މަޖިލީހުގައި ހެކިބަސްދެމުން ބުނެފައިވަނީ އޭނާ ފިހާރައަށް ދިޔައީ ކޮއްކޮއާއެކު ކަމަށާއި މިރުސް ނުފެނިގެން ފުރިޖުން މިރުސް ނަގައިދޭން ބުނި ގަޑީގައި އޭނާގެ އުރަމަތީގައި ހޮސައިން އަތްލި ކަމަށެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ދިޔައީ ކަމަށާއި، އެ ހާދިސާ ހިނގުމުން އެންމެ ފުރަތަމަ ކިޔައިދިނީ ކޮއްކޮއަށް ކަމަށެވެ. އަދި އެ ހާދިސާ ހިނގިގޮތުގެ ބަޔާނެއް ފުލުހުންނަށް ދިން ކަމަށްވެސް ބުންޏެވެ. ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި އޭނާގެ ކޮއްކޮ ބުނެފައިވަނީ، މި މައްސަލައަކީ ދުވަސްވެފައިވާ މައްސަލައެއްކަމުން ހަނދާން ނެތިފައި ހުރުމުން ހެކިބަސް ދޭން ބޭނުން ނުވާ ކަމަށެވެ.

ދެން ދައުލަތުން ހެކިންގެ ގޮތުގައި ހުށަހެޅި ދެ ފުލުހުންގެ ތެރެއިން ކޮސްޓެބަލް އާއިޝަތު ޝިމާނާ އަހުމަދު ހެކިބަސްދެމުން ބުނެފައިވަނީ މިއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހު މުރަނގަމަގުގައި ހުންނަ ފިހާރައެއް ކައިރީގައި ހިނގާފައިވާ ހާދިސާއެއް ކަމަށާއި، މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށެވެ. އަދި އެދުވަހުގެ ހަވީރު ޑިއުޓީގައި އުޅެނިކޮށް ކޮމާންޑުން ގުޅައިގެން އެތަނަށް ދިއުމުން، ކަން ވީގޮތް ކިޔައިދިނީ އެތަނުގައި ހުރި އަންހެނެއް ކަމަށެވެ. އަދި ހީވާގޮތުން އެ ފިހާރާގައި ހުރި ސީސީޓީވީ ކެމެރާ ސިސްޓަމް މަސައްކަތް ނުކުރާ ކަމަށާއި، އެ ކެމެރާ ސިސްޓަމް ފުލުހަށް ގެންދިޔަކަމެއް ނުވަތަ ނުގެންދާކަމެއް ހަނދާން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

ކޮންސްޓެބަލް އިސްމާއީލް އައިމަން އަހުމަދު ބުނެފައިވަނީ އެއީ 20 ސެޕްޓެމްބަރު 2020 ގައި ހިނގި ހާދިސާއެއް ކަމަށާއި، ސީސީޓިވީ ކެމެރާއެއް އެތަނުގައި ހުރި ނަމަވެސް އެ ސިސްޓަމް މަސައްކަތްކުރާ ކަމެއް ނުވަތަ ނުކުރާ ކަމެއް ނޭނގޭ ކަމަށެވެ. އަދި އެ ބިދޭސީމީހާ ގާތުގައި އެހުމުން ކެމެރާ މަސައްކަތް ނުކުރާކަމަށް ބުނި ކަމަށާއި، އެއީ ޖާގަ ކުޑަ ފިހާރައެއްކަމުން ދެމީހަކަށް އުޅެލެވެނީ ކިރިޔާ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހޮސައިންގެ ދިފާއުގައި އެއްވެސް ހެތްކެއް ހުށަހަޅައިފައެއް ނުވެއެވެ. އޭނާގެ ވަކީލު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައިވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ވާހަކަތަކަށް ބަލާއިރު މި ދައުވާގައި ހިމެނޭ ކުށް ކޮށްފައިވާކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ސާބިތުވާވަރުގެ ހެތްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށެވެ. އެހެންކަމުން ހޮސައިންގެ މައްޗަށް މައްސަލަ ސާބިތު ނުވާކަމަށް ހުކުމްކޮށްދިނުމަށް އެދޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދައިން، މީހަކު ކުށެއްކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް، ހެކި ގަރީނާ ލިބިފައި ނުވާތީ ހޮސެއިންގެ މައްޗަށް ކޮށްފައިވާ ޖިންސީ ގޯނާ ކުރުމުގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.