ޚަބަރު

މަންކީ ޕޮކްސް އަށް އައިޖީއެމްއެޗުގައި ޓެސްޓުކުރެވޭ ގޮތް ހަދަނީ

ރިފާ ހަލީލު

މަންކީ ޕޮކްސް އަށް އައިޖީއެމްއެޗުގައި ޓެސްޓުކުރެވޭ ގޮތް ހަދަން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކޮލިޓި އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ ގައިން ގަޔަށް އަރާބަލިތައް ޓެސްޓު ކުރެވޭނީ އެކަމަށް އެންމެ އެކަށީގެންވާ މިންގަނޑެއްގެ ލެބުތަކުގައި ކަމަށެވެ. އެގޮތުން މަންކީ ޕޮކްސް އަށް ޓެސްޓުކުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިވަގުތު ރާވާފައިވަނީ އައިޖީއެމްއެޗުގައި ކަމަށެވެ.

ތަސްލީމާ ވިދާޅުވީ މަންކީ ޕޮކްސްއަށް ޓެސްޓުކުރުމަށް ބޭނުންވާ ޓެސްޓިން ކިޓު ހޯދުމުގެ އިތުރުން ޓެސްޓު ކުރުމަށް ބޭނުންވާ އާލާތްތަކާއި އެހެނިހެން ކަންކަން ބޭނުންވާ ކަމަށެވެ. އަދި އެކަންކަން ފުރިހަމަ ވުމުން އައިޖީއެމްއެޗުގައި މަންކީ ޕޮކްސްއަށް ޓެސްޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އާންމު ސިއްހަތަށް ބޮޑު އަސަރެއް ކުރާފަދަ ގައިންގަޔަށް އަރާ ބަލިތައް ޓެސްޓްކުރުން އާންމުކޮށް ކުރިއަށް ގެންދަނީ އެޗްޕީއޭގެ މަޝްވަރާތަކާ އެއްގޮތަށް، އަދި ގިނަ ފަހަރަށް އެޗްޕީއޭގެ އެހީތެރިކަމާއެކު، އެކަށީގެންވާ ބަޔޯސޭފްޓީ މިންގަނޑުތައް ހުންނަ ލެބްތަކުގަ." އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން މީގެ ކުރިން ވަނީ މަންކީ ޕޮކޮސްއަށް ޓެސްޓުކުރާ 250 ކިޓު ރާއްޖެއަށް ހަދިޔާ ކޮށްފައެވެ.

ހުރިހާ އެއްޗެއް ހަމަވެ ޓެސްޓު ކުރެވެން ފެށޭނީ ކިހާ ދުވަހެއްގެ ތެރޭގައިތޯ ސުވާލު ކުރުމުން ތަސްލީމާ ވިދާޅުވީ ހުރިހާ އިންތިޒާމެއް ހަމަޖެހުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ.

މަންކީޕޮކްސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މުޅި ދުނިޔޭގައި އެމަޖެންސީ އިއުލާނުކޮށްފައިވާ އިރު، އެ ބަލީގެ އައުޓްބްރޭކް ރާއްޖެއަށްވެސް އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި ބައްޔަށް ޝައްކު ކުރެވޭ މީހުން ޓެސްޓު ކުރަމުން އަންނަ ކަމަށްވެސް އެ އޮތޯރިޓިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މަންކީޕޮކްސް ބަލީގެ އަލާމަތެއް ފެނިއްޖެނަމަ ސިއްހީ ހިދުމަތްތެރިއަކަށް ދައްކައި، ބަލި ކަށަވަރުކުރެވެންދެން ވަގުތުން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ، އެކެހެރިވުމަށް އިލްތިމާސްކޮށްފައެވެ.