Close
މެންޗެސްޓާ ސިޓީ

ހާލަންޑަކީ ބޮޑު ނުރައްކަލެއްކަން ފެންނާނެ: ގާޑިއޯލާ

ނޯވޭގެ އާލިން ހާލަންޑަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބުތަކަށް ނުރައްކަލެއްކަން ރޭގެ މެޗުންވެސް ފެނިގެން ގޮސްފި ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ރޭ ސިޓީން ކުޅުނު މެޗުގައި ހާލަންޑްގެ ދެ ގޯލާއެކު އެޓީމުން ރަށުން ބޭރުގައި ވެސްޓް ހަމް ޔުނައިޓެޑް ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ދެ ގޯލުވެސް ހާލަންޑް ޖަހައިދިން އިރު، ސިޓީން ރޭގެ މެޗަށް ނުކުތީ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އަތުން ބަލިވެފައި އޮވެގެންނެވެ. އެ ބައްޔާއެކު ހާލަންޑަށް ކޮންމެވެސް ވަރެއްގެ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް، ރޭގެ ކުޅުމާއެކު އޭނާ ވަނީ ފާޑު ކިޔުންތަކަށް ރައްދު ދީފައެވެ.

އެއާއެކު ގާޑިއޯލާވެސް ވަނީ ފާޑުކިޔުންތަކުގެ ވާހަކަތަކަށް ރައްދެއް ދީފައެވެ.

"ކޮމިއުނިޓީ ޝީލްޑް މެޗަށްފަހު އެންމެން ކިޔަމުން ދިޔައީ ހާލަންޑަކީ ފެއިލިޔާއެކޭ. ޕްރިމިއާ ލީގަކަށް ފިޓެއް ނުވާނެއޭ. އެކަމަކު އެއީ އެކަން އޮތް ގޮތް ނޫންކަން އެނގޭނެ މިހާރު. ވަރުގަދަ ގޯލު ޖެހުންތެރިން ކަމަށްވާ އެލެން ޝިއެރާއާއި ގެރީ ލިނެކާ ފަދަ ކުޅުންތެރިންގެވެސް ހުންނާނެ ހުނަރު، އެ ނުޖެހޭނެ ކިޔައިދޭކަށް. ހާލަންޑަކީވެސް އެފަދަ ފޯވަޑެއް. ކޮންމެ ލީގެއްގައިވެސް ގޯލު ޖަހާނެ،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ އިތުރަށް ބުނީ ހާލަންޑް ދަނީ ސިޓީ ޓީމަށް ފައްކާވަމުން ކަމަށާއި، ހާލަންޑަކީ ނުރައްކަލެއްކަން ފެންނާނެ ކަމަށެވެ.

"ހާލަންޑަކީ މިހާރުވެސް އޭރިއާ ތެރޭގައި ބޮޑު ނުރައްކަލެއް. ވަރަށް ރަނގަޅަށް ހޭނެމުން ދަނީ. ހާއްސަކޮށް އެހެން ކުޅުންތެރިންނާއެކު ޑްރެސިން ރޫމް ތެރޭގައި ހާލަންޑް ދަނީ ވަރަށް ބޮޑަށް ގުޅެމުން. ހާލަންޑްގެ ކޮލިޓީއަކީ އަމިއްލައަށްވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން އެނގުން. ހާލަންޑް ބޭނުންވާ ސްޓައިލާ މެދު އޭނާވެސް ހިތްހަމަޖެހިފައި ހުރީ. ހާލަންޑްގެ ނަންބަރުތަކަށް ބަލައިލީމަ އެނގޭ ސިޓީއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ރަނގަޅު ނަތީޖާތަކެއް ނެރޭނެކަން،" ގާޑިއޯލާ ރޭގެ މެޗަށްފަހު ބުންޏެވެ.

ހާލަންޑަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ ނުރައްކާތެރި އެއް ފޯވަޑެވެ. އޭނާގެ ކެރިއަރުގައި ގާތްގަނޑަކަށް 157 މެޗު ކުޅެފައިވާ އިރު، މިހާތަނަށް ވަނީ 115 ގޯލު ޖަހައިފައެވެ. 2019 ވަނަ އަހަރުން މިދިޔަ ސީޒަނުގެ ނިޔަލަށް ޖަރުމަނު ބުންޑަސް ލީގާގައި ޑޯޓުމަންޑަށް ހާލަންޑް ވަނީ 67 މެޗުން 62 ގޯލު ޖަހައިދީފައެވެ.