ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތާ ގުޅިގެން، އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތަހުގީގުގެ މުއްދަތު ޕްރޮސިކިއުޓާޖެނެރަލް އޮފީސް (ޕީޖީ) އިން އިތުރުކޮށްދީފިއެވެ.

ޕީޖީ އޮފީހުން ވަނީ "ވަން" އަށް އެކަން ކަށަވަރުކޮށްދީފައެވެ.

ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ޔޯގާ ހަމަނުޖެހުމުގައި ހައްޔަރު ކުރި މީހުންގެ ތަހުގީގުގެ މުއްދަތު އެ އޮފީހުން އިތުރު ކޮށްދީފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު އިތުރު ކޮށްދީފައި މިވަނީ، ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ ޖުލައިމަހުގެ 21 ވަނަދުވަހު ހިންގި ހަރަކާތާ ގުޅިގެން ހިންގި ހަމަ ނުޖެހުމުގައި އެކި ދުވަސްމަތިން ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުންގެ ތަހުގީގުގެ މުއްދަތު ހަމަވަމުންދާތީ އެވެ. އެކަމާ ގުޅިގެން އެކަމާގުޅޭ ތަހުގީގުގެ މުއްދަތު 15 ދުވަހުން 15 ދުވަހުން އިތުރު ކުރަމުން އަންނަ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ޓެރަރިޒަމްގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ބަންދުކުރާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަން 45 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ. ނަމަވެސް ގާނޫނު ބުނާގޮތުން ތަހުގީގަށް އިތުރު މުއްދަތު ބޭނުންވެގެން ފުލުހުން ހުށަހަޅައިފިނަމަ އެ މުއްދަތު އިތުރު 45 ދުވަހަށް އިތުރު ކުރެވޭނެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 20 އަށްވުރެ ގިނަމީހުން ހައްޔަރު ކުރިއިރު އޭގެ ތެރެއިން ބައެއްމީހުން ވަނީ ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފައެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގު އަދި ދަނީ ކުރިއަށެވެ.