ޚަބަރު

ޝައްފާންގެ މަރު: 25 އަހަރަށް ޖަލަށް ހުކުމްކުރި 4 މީހުން ހައިކޯޓަށް މައްސަަލަ ހުށަހަޅައިފި

އިބްރާހިމް ޒަކީ

ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލައިފައިވާ ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެ ހަތަރު މީހުން ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.

އުމުރުން 14 އަހަރުގެ ޝައްފާނަށް ވަޅިން ހަމަލާދީ މަރައިލީ 2019 ވަނަ އަހަރުއެވެ. ޝައްފާނަށް ވަޅިން ހަމަލާދީފައި ވަނީ އަމީރު އަހުމަދު ސްކޫލު ކައިރީގައި ހުންނަ އޮޓޯގަރާޖު ކުރިމަތިންނެވެ. އޭނާގެ ހަށިގަނޑުގެ އަށް ތަނަކަށް ވަޅިން ހަމަލާދީފައި ހުއްޓެވެ. އޭނާއަކީ ޖަމާލުއްދީން ސްކޫލް، ގްރޭޑް ހަތެއްގައި ކިޔަވަމުން ދިޔަ ދަރިވަރެކެވެ.

ޝައްފާނު މަރާލިކަމުގެ ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލާން ހުކުމްކުރީ ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބު، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހު, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވާ ހުސެއިން ޖައިލަމަށެވެ.

އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ނިހާދު އާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ފުލުހުން ޝައްފާން މަރުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ ޝައްފާން މަރާލީ ބަދަލު ހިފުމުގެ ގޮތުން ކަމަށެވެ.

އެ މައްސަލައިގައި 28 ނޮވެމްބަރު 2021 ގައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މައްސަލައިގެ މުހިންމު ހެއްކެއް ދޮގު ހެކިބަސް ދީފައިވާތީ ދައުލަތުން އުފުލައިފައިވާ ދައުވާތައް ސާބިތު ނުވާ ކަމަށެވެ. ނަމަވެސް ފޮރެންސިކް ތަހުލީލުތަކާއި ބައެއް ޝަފަހީ ހެކިންގެ ހެކިބަހަށް ބަލާއިރު އެ މީހުންގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށެވެ.

އެ ހަތަރު މީހުންގެ މައްޗަށްކުރި 25 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަން ޖެހޭކަމަށް ހުކުމްގައި ކަނޑައަޅާފައި ވަނީ 21 އަހަރާއި 10 މަހާއި 25 ދުވަހެވެ.