ޚަބަރު

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރު ރާފިއު މަގާމުން ވަކިކޮށްފި

އަލީ ޔާމިން

އިސްލާމިކް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އިބްރާހިމް ރާފިއު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަން" އަށް މިއަދު ވިދާޅުވީ، ރާފިއު އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

ދައުރުކުރަމުންދާ ވީޑިއޯއަކުން ފެންނަނީ ގިނަ ބަޔަކާ އެއްކޮށް އެއްޖިންސިން ގުޅުން ހިންގައި ބްލެކްމެއިކް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއާއެކު ރާފިއު ކަމަށް ބެލެވޭ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރެވެ.

އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އިސް އެކްޓިވިސްޓަކަށްވެސް މަސައްކަތް ކުރާ ރާފިއުއަކީ، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރުކަމުގައި ހުންނެވި ބޭފުޅާއެވެ.

އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި، މައްސަލައިގައި މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ޑީއާރްޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއު (ދޮންދިގު) އެވެ.

މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކުރީގެ ނޫސްވެރިޔާ، އަލީ ނަސީރު ވެސް ވަނީ ހައްޔަރުކޮށްފައެވެ.