އިނގިރޭސި ޕްރިމިއާ ލީގު

ހާލަންޑްގެ ފެންވަރު ދައްކާލައި، ސިޓީ މޮޅުކޮށްދީފި

އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން މި ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ ވެސްޓް ހަމް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ވެސްޓް ހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިޓީގެ ދެ ގޯލުވެސް އެޓީމަށް ޖަހައިދިނީ މި ސީޒަނަށް އެޓީމަށް ގެނައި ނޯވޭގެ ވަރުގަދަ ފޯވަޑް އާލިން ހާލަންޑެވެ. ސިޓީން މިރޭގެ މެޗަށް ނުކުތީ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލް އަތުން ބަލިވެފައި އޮވެގެންނެވެ. އެ ބައްޔާއެކު ހާލަންޑަށް ކޮންމެވެސް ވަރެއްގެ ފާޑު ކިޔުންތަކެއް އަމާޒުވި ނަމަވެސް، މިރޭގެ ކުޅުމާއެކު އޭނާ ވަނީ ފާޑު ކިޔުންތަކަށް ރައްދު ދީފައެވެ.

މިރޭގެ މެޗުގައި ހާލަންޑް ދެ ގޯލު ޖެހުމާއެކު އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ސިޓީއަށް ދެ ގޯލު ޖަހައިދިން ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ރެކޯޑު ފުރިހަމަ ކޮށްފައި އޮތީ ސިޓީގެ ރެކޯޑު ގޯލު ޖެހުންތެރިޔާ ސާޖިއޯ އަގުއޭރޯއެވެ. އެއީ 2011 ވަނަ އަހަރުއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ވެސްޓް ހަމްގެ ހަމަލާއެއް ފެނުނު ނަމަވެސް ސިޓީން ވަނީ ކުޑަ އިރުކޮޅެއް ތެރޭގައި މެޗަށް ވަދެ ކޮންޓްރޯލް ނަގައިފައެވެ. ކެވިން ޑިބްރޭނާގެ ހަމަލާއެއް މެޗުގެ ކުރީކޮޅުގައި ފެނުނު އިރު، ހާލަންޑަށް 20 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ސިޓީން ލީޑު ނެގީ 38 ވަނަ މިނެޓުގައެވެ. އެއީ އޭރިއާ ތެރެއަށް ޖެކް ގްރީލިޝް ދުއްވާލި ޕާހަށް ހާލަންޑް ކުރިއަށް ވަދެ ގޯލްކީޕަރު ލޫކަސް ފަބިއާންސްކީ ނައްޓާލުމާއެކު ކުރި ފައުލަކަށް ދިން ޕެނަލްޓީން ޖެހި ގޯލެކެވެ. އެ ގޯލު ޖެހީ ހާލަންޑެވެ. ހާލަންޑް ފަޔަށް ޑައިވްކުރުމުގެ ތެރޭގައި ފަބިއާންސްކީއަށް އަނިޔާވެ ބާލަން ޖެހުނު އިރު، ބަދަލަކަށް ނުކުތީ އަލްފޮންސޯ އަރިއޯލާއެވެ.

ދެވަނަ ހާފުގައިވެސް މެޗު ކޮންޓްރޯލް ކުރީ ހަމަ ސިޓީންނެވެ. އެޓީމުގެ އެޓޭކިން ސްޓައިލުގައި ވެސްޓް ހަމްއަށް ފުލުފުލުގައި ނުރައްކާ ކުރަމުން ގޮސް، 65 ވަނަ މިނެޓުގައި ހާލަންޑްގެ ދެވަނަ ގޯލާއެކު ލީޑު ފުޅާކުރިއެވެ. މެދުތެރެއިން ރޮޑްރީއާއި ޑިބްރޭނާގެ ރަނގަޅު ކުޅުމަކަށްފަހު ޑިބްރޭނާ ދުއްވާލި ތުރޫ ބޯޅައަށް ބާރު ދުވެލީގައި ގޮސް، ހާލަންޑް ބޯޅަ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.

މެޗުގެ ފަހު ކޮޅަށް ގޮސް، ގްރީލިޝްގެ ހުރަހަކުން ހާލަންޑަށް ހެޓްރިކް ހަދަން ފުރުސަތު ލިބުނު ނަމަވެސް އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ ފަހު ދިހަ މިނެޓަށް ދިޔުމުން ކޯޗު ޕެޕް ގާޑިއޯލާ ވަނީ ހާލަންޑްގެ ބަދަލުގައި ޖޫލިއަން އަލްވަރޭޒް ކުޅެން ނެރެފައެވެ. އަލްވަރޭޒްއަކީ ވެސް މި ސީޒަނަށް ސިޓީއަށް ގެންދިޔަ އާޖެންޓީނާގެ ފޯވަޑެކެވެ.