ރިޕޯޓް

ވިފާގު: އެލްޓީގައި ފިޔަޖަހަމުން އަންނަ ފުޓުބޯޅައިގެ އާ ތަރި

މުޙައްމަދު ޝަމްޢޫން

1

މިވަގުތު ދިވެހި ފުޓުބޯޅައިގައި ފިޔަޖަހަމުން އަންނަ ޒުވާން ހުނަރުވެރިއެކެވެ. ފިޒިކަލީ ރަނގަޅު، ހުނަރުން ފުރިގެންވާ ފޯވަޑެއްގެ މަންޒަރުން ދިވެހި ފުޓުބޯޅަ އާއިލާއަށް އާ އުންމީދުތަކެއް ގެނުވައިފިއެވެ. ދެވަނަ ޑިވިޝަނުގެ ހުނަރުވެރިއެއް ނަމަވެސް، ދިވެހި ފުޓުބޯޅައިން އާ ތަރިއެއް އުފަން ވެއްޖެއެވެ. ހަލުވި ކޮއްޓުންތަކާއެކު މޮޅެތި ސޯލޯ ގޯލްތަކެއް ގައުމީ ދަނޑުން ދައްކައިދިން، ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބުގެ އިސްމާއީލް ވިފާގަށް ސަމާލުކަން ބޮޑު ވެއްޖެއެވެ. ހުނަރުވެރި ގޯލުތަކާއެކު، ދެވަނަ ޑިވިޝަނުގެ ތަރިއަކީ މިވަގުތު އޭނާއެވެ.

އެލްޓީ މިހާތަނަށް ކުޅުނު ފަސް މެޗުންވެސް ބަލި ނުވެ، 13 ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައިގައި އޮތް އިރު، ސެމީއަށް ބޮޑު ފުރުސަތެއް އެބައޮތެވެ. އެލްޓީން ދެވަނަ ޑިވިޝަނުގައި މިހާތަނަށް ކުރި ދަތުރުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ވިފާގެވެ. ކުޅުނު ފަސް މެޗުން ހަ ގޯލު ޖެހި އިރު، ހައިރާންކުރުވަނިވި މޮޅެތި ގޯލުތައް ވިފާގުގެ ފަރާތުން ފެނުނެވެ. ވިފާގުގެ ގޯލުތައް ލޮރެންޒޯ، ވިކްޓަރީ ސްޕޯޓްސް ކްލަބު، ބީޖީ ސްޕޯޓްސްގެ އިތުރުން މަހިބަދޫ ސްޕޯޓްސް އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ޖަހާފައިވެއެވެ.

ކެރިއަރުގެ ފެށުން އައީ އާއިލީ ގުޅުމަކާއެކު

އުމުރުން 23 އަހަރުގެ ވިފާގު ނިސްބަތްވަނީ ވިލިމާލެއަށެވެ. ދިރިއުޅުން ބިނާވެފައި އޮތީވެސް ވިލިމާލޭގައެވެ. ވިފާގުގެ ފުޓުބޯޅަ ކެރިއަރުގެ ފެށުން ބިނާވެފައި ވަނީ އާއިލީ ގުޅުމަކާއެވެ. ވިފާގަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު، ހުނަރުވެރި ވިންގް، އަހުމަދު ރިލުވާން (ރިލޭ) ގެ ކޮއްކޮއެވެ. ވެލެންސިއާގައިވެސް ވިދާލި ރިލޭގެ ފެށުމަކީ ވިއެންސާ ކަމަށްވީ އިރު، ވިފާގު ފުޓުބޯޅައަށް ލޯބި ޖެހުނީވެސް ވިއެންސާއިންނެވެ.

"ބޭބެއާއެކު ވިއެންސާ ކުޅޭތަނަށް ދާން ފެށީ ފުރަތަމަ. އެއީ ފުޓުބޯޅައިގެ އިންސްޕިރޭޝަނަކީ. ވިއެންސާއަކީ ވިލިނގިލީގެ ހޯމް ކްލަބެއް ކަމުން އެއީ އަސްލު ފުޓުބޯޅައިގެ ފެށުމަކީ،" ވިފާގު "ވަން" އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ބުންޏެވެ.

ކެރިއަރުގެ ވާހަކަ ވިފާގު ފެށީ އިންޓަ ސްކޫލާ ހަމައިންނެވެ. އޭނާގެ ފުޓުބޯޅަ ކެރިއަރަކީ އިންޓަ ސްކޫލެވެ.

"އަސްލު ފުރަތަމަ ފުޓުބޯޅަ ކުޅެން ފެށީ އިންޓަ ސްކޫލް މުބާރާތްތަކުން. މުހިއްޔުއްދީން ސްކޫލުގައި އޭރު ފުރަތަމަ ކުޅުނީ. އޭރުން ފެށިގެންވެސް ގައުމީ ޓީމުތަކުގެ ޒުވާން ޓީމުތަކަށް ކުޅުނިން. އަންޑަ 14 އާއި އަންޑަ 16، އަންޑަ 19 އަށްވެސް ކުޅުނިން. އޭރު ގޮސް ސީނިއާ ޓީމަކަށް ކުޅުނީ ވެލެންސިއާގެ ފުރުސަތެއްގައި. އެކަމަކުވެސް 21 އަހަރުން ދަށުގެ ޓީމަށް އޭރު ކުޅުނީ،" ވިފާގު ކިޔައިދިނެވެ.

ދެވަނަ ޑިވިޝަނުގެ ތަޖުރިބާތައް ވިފާގުގެ ކެރިއަރުގައި މިހާރުވެސް އަންނަނީ އިތުރުވަމުންނެވެ. އެންމެފުރަތަމަ ދެވަނަ ޑިވިޝަނަށް ވިފާގު ނުކުތީ ޖޭޖޭ ސްޕޯޓްސް ކްލަބުންނެވެ. އޭގެ ފަހުން 2020 ވަނަ އަހަރު ކްލަބު ވެލެންސިއާއާއެކު ވިފާގު ވަނީ ދެވަނަ ޑިވިޝަންގެ ތަށިވެސް އުފުލައިލައިފައެވެ. އެއީ ކެރިއަރުގައި ހޯދުނު މުހިއްމު ކާމިޔާބީއަކަށްވީ އިރު، އޭނާއަށް އަދި ނުކުރެވި އޮތީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާއެވެ. އެއީ ފުރުސަތު ނުލިބޭތީއެއްވެސް ނޫނެވެ. ފޯކަސް އޭރު ބޮޑަށް ގެންގުޅުނީ ފުޓްސަލްއަށް ކަމަށްވާތީއެވެ.

"އަސްލު ފުރުސަތު ލިބޭ. އެކަމަކު އޭރުވެސް ފޯކަސް މި ގެންގުޅެނީ ބޮޑަށް ފުޓްސަލްއަށް. އެހެންވެ އަސްލު ފުރަތަމަ ޑިވިޝަނުގައި ނުކުޅެ މިހުރީ. މިހާރުގެ ކުޅުމާއެކު ފުޓްސަލްއިން ފުޓުބޯޅައަށް ބަދަލުވާ ކަހަލަ ވިސްނުމެއް އައިސްފާނެ. އެކަމަކު އަދި ނޭނގެ އެ ނިންމުން ފައިނަލް ވާނެ ގޮތެއް،"

ވިފާގު މިފަހަރުގެ ސީޒަނަށް ތައްޔާރުވީވެސް މާ ބޮޑު ތަފާތެއް ރޫޓިންއަށް ގެނެސްގެން ނޫން ނަމަވެސް، ދިރިއުޅޭ ވިލިނގިލީގެ އާ ފުޓުބޯޅަ ދަނޑާއެކު ކުޅުން އިތުރުކުރިކަމަށް އޭނާ ފާހަގަކުރިއެވެ. އެއީ ފުޓްސަލްއިން ބޭރުގައި ބޮޑު ފުޓުބޯޅައަށް އޭނާއަށް ދެވުނު ސަމާލުކަން އިތުރުވި ކަމެކެވެ.

އެލްޓީގެ ތަފާތަކީ ޓީމް ވޯކާއި "ޖޯޝު"

"ކޯޗުވެސް، އޭގެ އިތުރުން ޓީމުގައި އޮންނަ ބޮންޑުވެސް ވަރަށް ބޮޑު ތަފާތެއް އުފެދޭ. ޓީމު ވަރަށް ބޮޑަށް އެކުގައި މި އޮންނަނީ. ވަރަށް ރަނގަޅު ސްކޮޑެއްވެސް އޮތުމާއެކު ވަރަށް ރަނގަޅަށް ޓީމްގެ ޕްރެކްޓިސްތައްވެސް ވަނީ. ވަރަށް ކިކުގައި ޓީމު އަބަދުވެސް އޮންނަނީ. އެންމެން އެންމެން ހިތްވަރު ލައިދީގެން ވަރަށް ބޮޑަށް ޖޯޝުގައި ޓީމު އޮންނަނީ،" އެލްޓީއަކީ ވިފާގުގެ އެންމެ ބޮޑު ހިތްވަރު ކަމަށް ފާހަގަކޮށް ޒުވާން ފޯވަޑް ބުންޏެވެ.

ވިފާގުގެ ވިދާލުމަކީ އެލްޓީގެ ވިދުމެވެ. އެލްޓީގެ ޖޯޝެވެ. އެލްޓީއަކީ ވިފާގުގެ ވިދުން ގަދަވި ސަބަބު ކަމަށް އޭނާ ފާހަގަކުރިއެވެ. އެ ޖޯޝާއެކު އުންމީދުތައް ވަނީ ފުރަތަމަ ޑިވިޝަނާ ގުޅިފައެވެ.

އުންމީދަކީ ފުރަތަމަ ޑިވިޝަނަށް ޓީމު ގެންދިޔުން. އެއީ މިވަގުތު އެންމެ މުހިއްމު ޓާގެޓަކީ
ވިފާގު

ކެރިއަރުގައި ކުރިއަށް އޮތީ މުހިއްމު ދުވަސްތަކެއްކަން ވިފާގަށްވެސް އެނގެއެވެ. އެއީ އޭނާއަށް ނިންމުންތަކެއް ނިންމަން ޖެހޭ ދުވަސްތަކެއްކަންވެސް ގަބޫލުކުރެއެވެ. ވިފާގުގެ ވިސްނުން އަދި ހުރީ އެލްޓީއާއެކު ފުރަތަމަ ޑިވިޝަނަށް ދިޔުމެވެ. މިހާތަނަށް ކެރިއަރު ގެނައުމުގެ ފަހަތުގައި އެތައް ބައެއްގެ ނަން ވިފާގު ފާހަގަކުރެއެވެ. އެއީ ކޯޗުންނާއި އާއިލާއެވެ.

"އާއިލާ މެންބަރުން ވަރަށް ބޮޑަށް ފާހަގަކޮށްލަން ޖެހޭ. މަންމައާއި ބައްޕަގެ އިތުރުން ބޭބެ (ރިލޭ). އޭގެ އިތުރުން އިންޓަ ސްކޫލް ކޯޗުކަން ކޮށްދިން އިބްރާހިމް ސައީދު (ކަކާ)، އެހެންގޮސް ވެލެންސިއާގެ ކޯޗަކަށް އޭރުވެސް ހުރި ކުޑަ ހީނާ. އަދި އެލްޓީ މިހާރުގެ ކޯޗު މުހައްމަދު ޝާހިދު (ޝާޑް) އާއި އެސިސްޓެންޓް ކޯޗު އަލީ ހަސަން (އައްޔަ) އަދި އެލްޓީ މެނޭޖުމަންޓާއި ކުޅުންތެރިން ދޭ ހިތްވަރުވެސް ފާހަގަކޮށްލަން. ކުރިން ގައުމީ 19 އަހަރުން ދަށުގެ ޓީމުގައި އެކުގައި މަސައްކަތް ކުރި ކޯޗުން ކަމަށްވާ އިހުސާން އަބްދުލްޣަނީ (ސާންތި) އަހުމަދު ޝާކިރު (ޝާކިއްޓެ) ކޯޗުވެސް ފާހަގަކޮށްލަން ޖެހޭ،" ވިފާގު ބުންޏެވެ.

ވިފާގަށް އޮތް ޓާގެޓް އޭނާއަށް ސާފެވެ. ކެރިއަރުގައި ކުރިމަގަށް އެޅުނު މުހިއްމު ބިންގަލަކަށް މިހާރުވެސް ދެވަނަ ޑިވިޝަންގެ ވިދުން ވެފައިވާ އިރު، ދެން އޮތީ ފުޓުބޯޅައިގެ ރަސްމީ މަސައްކަތަށް ނުކުތުމުގެ ފިޔަވަޅެވެ. ވިފާގުގެ ހުނަރާއެކު އޭނާއަކީ ގައުމީ ފުޓުބޯޅައިގެ ތަރިއެއްކަން ޔަގީނެވެ.