އިނގިރޭސި ޕްރިމިއާ ލީގަށް އެނބުރި އައި ފުލްހަމް ކައިރީ ލިވަޕޫލް އެއްވަރުވެއްޖެއެވެ.

މި ސީޒަނުގެ ދެވަނަ މެޗުގައި ފުލްހަމް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި އަހަރުގެ ޕްރިމިއާ ލީގަށް ފުލްހަމް އައީ ސީޒަނެއްގެ މެދު ކެނޑުމަކަށްފަހުއެވެ. ފުލްހަމް މި ފަހަރު ޕްރިމިއާ ލީގަށް އެނބުރި އައީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ ދެވަނަ ހޯދި ލިވަޕޫލުން މިރޭ ކުޅުނު މެޗަށް ނުކުތީ ފުރަތަމަ 11 ގައި އެޓީމަށް އަލަށް ގެނައި ފޯވަޑް، އުރުގެއާގެ ނުނޭޒް ނުހިމަނައެވެ. ފޯވަޑް ލައިނުން ފެނުނީ މުހައްމަދު ސަލާހާއި ލުއިސް ޑިއާޒް އަދި ރޮބާޓޯ ފިރްމީނޯއެވެ. އަނެއްކޮޅުން ފުލްހަމްގެ ކުރިން ފެނުނީ މިދިޔަ ސީޒަނުގައި އެޓީމަށް ރެކޯޑު 42 ގޯލު ޖެހި އެލެކްސެންޑްރާ މިޓްރޮވިޗެވެ.

މެޗުގެ ފުރަތަމަ ކޮޅުން ފެށިގެންވެސް ލިވަޕޫލަށް އެޓީމުގެ ސްޓައިލުގައި އެޓޭކްތައް ކުރަން އުނދަގޫތަކާ ކުރިމަތިވިއެވެ. ފުލްހަމްގެ ފަރާތުން ބުރަކޮށް މަސައްކަތްކޮށް، ލިވަޕޫލް ހުއްޓުވުމުގެ ފިޒިކަލީ ވަރުގަދަކޮށް ފެނުނު އިރު، ފުލްހަމް އެޓޭކް ކުރަން މަސައްކަތް ކުރަމުން ދިޔައީ ދިގު ބޯޅަތަކެއް ކުރިއަށް ލައިގެންނެވެ.

ލިވަޕޫލަށް ރަނގަޅަށް މެޗަށް ނުވަދެވިގެން އުޅެނިކޮށް މެޗުގެ 32 ވަނަ މިނެޓުގައި ފުލްހަމްއިން ލީޑު ނެގިއެވެ. އަރިމަތިން ކެނީ ޓެޓޭ ނެގި ހުރަސް ބޮލުން ގޯލަށް ވައްދާލީ މިޓްރޮވިޗެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން އުފެއްދި އެންމެ ނުރައްކާތެރި ހަމަލާއަކީ ލުއިސް ޑިއާޒް އުފެއްދި ހަމަލާއެކެވެ. އޭނާ އަރިމަތިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ނުނޭޒް ދަނޑު މައްޗަށް ނުކުމެފައިވާ އިރު، އޭނާ ބަދަލަކަށް ނުކުމެ މާ ގިނައިރެއް ނުވެ ނުނޭޒް ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ލިވަޕޫލުން އެ ގޯލާއެކު ލީޑަކަށް މަސައްކަތް ކުރަނިކޮށް ފުލްހަމް އަނެއްކާވެސް ލީޑު ނެގިއެވެ. އެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން މިޓްރޮވިޗް ޖެހި ގޯލެކެވެ.

މެޗުން ލިވަޕޫލް ބަލިވާން ދަނިކޮށް އެޓީމު ސަލާމަތް ކޮށްދިނީ ސަލާހްގެ ގޯލުންނެވެ. ސަލާހް އެ ގޯލު ޖެހީ އޭރިއާ ތެރެއަށް ޓްރެންޓް އެލެކްސެންޑްރާ އާނޯލްޑް ހުރަސްކުރި ބޯޅަ، ނުނޭޒް ފައިގައި ޖެހިފައި ވެއްޓުމުން ގޯލަށް ބޯޅަ ވައްދާލައިގެންނެވެ.

ޕްރިމިއާ ލީގުގައި މިރޭ ކުރިއަށް ހުރި މެޗުތަކަށް ބަލާ އިރު، ޗެލްސީން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ޓޮޓެންހަމްއިން ސައުތުހެމްޓަންއާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.