ސާފް ޗެމްޕިއަންޝިޕް

ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފި

ސާފް 20 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދައިފިއެވެ.

އިންޑިއާގެ ބުބަނެސްވާގެ ކަލިންގާ ސްޓޭޑިއަމްގައި ރޭ ނިމިގެން ދިޔަ ސާފް 20 އަހަރުން ދަށުގެ މުބާރާތް އިންޑިއާއިން ކާމިޔާބުކުރީ ފައިނަލްގައި 5-2 އިން ބަންގްލަދޭޝް ބަލިކޮށްގެންނެވެ. މިހާތަނަށް ހަތަރު ފަހަރު ސާފް 20 އަހަރުން ދަށުގެ މުބާރާތް ބާއްވާފައިވާ އިރު، މިއީ އިންޑިއާއިން ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. 2019 ވަނަ އަހަރު މީގެ ކުރިން އިންޑިއާއިން ތަށި ހޯދި އިރު، 2015 ވަނަ އަހަރާއި 2017 ވަނަ އަހަރު ތަށި ގެންދިޔައީ ނޭޕާލުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވަރުވެފައި އޮތުމުން ރޭގެ ފައިނަލްގެ ނަތީޖާ ނިންމީ އިތުރު ވަގުތުވެސް ކުޅެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ މިނެޓުގައި އިންޑިއާއިން ޖެހީ ޕެނަލްޓީއަކުންނެވެ. އެ ގޯލު ޖެހީ ގުރްކިރާތު ސިންހެވެ. ގުރްކިރާތު ވަނީ ރޭގެ ފައިނަލުގައި އެކަނިވެސް ހަތަރު ގޯލު ޖަހައިފައެވެ.

ހާފު ނިމެން ދަނިކޮށް މެޗުގައި ބަންގްލަދޭޝްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެމްޑީ ރަފީގުލް އިސްލާމެވެ. އެ ޖޯޝުގައި ދެވަނަ ހާފުވެސް ފަށައި، ބަންގްލަދޭޝްއިން ވަނީ ލީޑުވެސް ނަގައިފައެވެ. ދެވަނަ ހާފަށް ނުކުމެ ބަންގްލަދޭޝްއިން 48 ވަނަ މިނެޓުގައި ލީޑު ނެގީ ޝާހިން މިއާ ޖެހި ހިލޭ ޖެހުމަކުންނެވެ.

ބަންގްލަދޭޝްއިން ލީޑު ނެގި ނަމަވެސް އިންޑިއާއިން ހާސް ކަމެއް ނެތި، ހަމަޖެހިލައިގެން ކުޅެމުން ގޮސް މެޗުގެ 60 ވަނަ މިނެޓުގައި ގުރްކިރާތު އިންޑިއާގެ ދެވަނަ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ.

މެޗުގެ އިތުރު ވަގުތަށް ނުކުމެ، އިންޑިއާއިން ރަނގަޅު ފޯމެއްގައި ކުޅެ، ހިމަންގްޝޫ ޖަންގްރާގެ ގޯލާއި ގުރްކިރާތުގެ އިތުރު ދެ ގޯލާއެކު ޗެމްޕިއަންކަން ޔަގީން ކުރިއެވެ. ގުރްކިރާތަކީ މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާ، އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓީ މޮޅެއް ނުލިބިއެވެ. ރާއްޖެ ލަންކާ ކައިރީ ޕޮއިންޓެއް ހޯދި ނަމަވެސް ދެން ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.