އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސް އިންޑިއާއަށް ކުރެއްވި އެ ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށާއި މުމްބާއީއަށް ޒިޔާރަތްކުރައްވައިފައެވެ.
ރައީސްގެ އެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންފައި ވަނީ ނިއުދިއްލީއަށެވެ. ނިއުދިއްލީގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު މީގެ ކުރިން އަދި މިހާރު ވެފައިވާ އެއްބަސްވުންތަކާ ގުޅޭގޮތުންނާއި ދެގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި ކުރިމަގުގައި އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުންބަދަހި ކުރުމާގުޅޭ އެއްބަސްވުންތަކެއްގައި ވެސް ރައީސް ވަނީ ސޮއިކުރައްވައިފައެވެ. އެ އެއްބަސްވުންތަކުގެ ތެރޭގައި ތަމްރީނާއި ގާބިލުކަން އިތުރުކުރުމާއި ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ.
އެ ދަތުރުފުޅުގައި ރައީސް އާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފައެވެ. ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއޫގެ ތެރޭގައި ހިމެނެނީ މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި އެ ބްރިޖްތަކާ ގުޅޭ މަގުތައް ހެދުމެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު ދެ ބޭފުޅުން ވަނީ މީޑިއާއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވައިފައެވެ.
ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ނިއުދިއްލީ އާއި މުމްބާއީގައި ބޭއްވި އިންޑިއާ–މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ބައިވެރިވެވަޑައިގެންފައެވެ.
މީގެ އިތުރުން އިންޑިއާގެ ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވައި އެތަނުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓް ސްޓާފުންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވައިފައެވެ.
އިންޑިއާށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ކޮންޓެއިނާ ހޭންޑްލިން ޕޯޓްކަމުގައިވާ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ) އަށް ޒިޔާރަތް ކުރައްވައިފައެވެ.