ޚަބަރު

އެމްއެންޕީގެ ސްޕޯކްސްޕާސަނަކަށް ޝިދާތާ ހަމަޖައްސައިފި

މުހައްމަދު އިޝާން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސްޕޯކްސްޕާސަނަކަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ހަމަޖައްސައިފިއެވެ.

ޝިދާތާ އެމްއެންޕީގެ ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަސްރާ އަހުމަދު ރާއްޖެއިން ބޭރުން ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބިވަޑައިގެން، މަގާމުން އިސްތިއުފާދެއްވުމުންނެވެ.

އެމްއެންޕީން އިއްޔެ ބުނީ، ރިޔާސީ އިންތިހާބު ގާތްވެފައިވާ އިރު، ޝިދާތާ ފަދަ ތަޖުރިބާ ހުރި އަންހެން ބޭފުޅަކު ޕާޓީގެ ބަސްބުނުމަށް އައްޔަންކުރުން ވެގެންދާނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އަދި ޝައުގުވެރިވާނެ ނިންމުމަކަށް ކަމަށެވެ.

އިއްޔެ ހަވީރު އެމްއެންޕީގެ ސްޕޯކްސްޕާސަން ތައާރަފުކުރުމަށް ހަރަކާތެއް ވަނީ ބާއްވައިފައެވެ. އެ ހަރަކާތުގައި ވާހަކަދައްކަވަމުން ޝިދާތާ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ގޮތުން ނެގި ބޮޑެތި ބިޔަ ރާޅުތަކުގެ ތެރޭގައި ހުރިހާ އެންމެން ތިބީ ފިތިފައި ކަމަށާއި ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައިވެސް ގާނޫނު ނަގަހައްޓައި ރައްޔިތުންގެ ހައްގުގައި އަޑު އުފުލާފައިވާނެ ކަމަށެވެ. އެމްއެންޕީން ކުރިޔަށް ފިޔަވަޅު އަޅަމުން އަންނަނީ އެތަޖުރިބާތަކުގެ އަލީގައި ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވީ، އެމްއެންޕީ އުފެދުނީ ގައުމީ ފިކުރުގެ ގޮތުގައި ކަމަށެވެ. އަދި ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ގިރާ ކުރެވިފައި ނުވާވަރަށް ކާމިޔާބީގެ ހަރުފަތްތަކެއް އެމްއެންޕީން ގިރާކޮށްފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ޕާޓީން ކުރަންހުރި ބޮޑެތި މަސައްކަތްތަކުގައި ޕާޓީގެ އާ ސްޕޯކްސްޕާސަން، ޝިދާތާގެ ހިއްސާ ވަރަށް ބޮޑު ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.