ޚަބަރު

ހުޅުމާލޭގައި އޯވާވޯޓާ ރެސްޓޯރެންޓެއް ހަދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ހިސާބުގައި އޯވާވޯޓާ ރެސްޓޯރެންޓެއް ހަދައި ހިންގާނެ ބަޔަކު ހޯދަން އެޗްޑީސީން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ.

އޯވާވޭޓް ރެސްޓޯރެންޓެއް ހެދުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އަތިރިމައްޗަށްވާ ގޮތަށް 10،519 އަކަފޫޓްގެ ސަރަހައްދެއް ކުއްޔަށް ދޭން އެޗްޑީސީން ފުރަތަމަ އިއުލާނުކުރީ މިދިޔަ ޖޫން 19 އިގަ އެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވަނީ އިއްޔެއަށް ހަމަވާނެ އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 11 އަށް އިތުރުކޮށްފައެވެ. މުއްދަތު އިތުރުކުރި ސަބަބެއް އެޗްޑީސީއަކުން ނުބުނެއެވެ.

އެޗްޑީސީން ބުނީ ކެފޭ/ރެސްޓޯރެންޓް ވިޔަފާރިއާއި ސްވިމިން ޕޫލާއި ކުޅިވަރު ފެސިލިޓީތައް ވިޔަފާރި އުސޫލުން ހިންގުމުގެ ތަޖުރިބާ ހުރި ކޮންމެ ފަރާތަކަށްވެސް މިމަޝްރޫއަށް ބީލަން ހުށަހެޅޭނެ ކަމަށެވެ. އޯވާވޯޓާ ރެސްޓޯރެންޓް ހަދައި ހިންގުމަށް ހަވާލުކުރާނީ ބީލަންތަކުގެ ތެރެއިން އެންމެ ބޮޑު ކުއްޔާއި އެކުއިޒިޝަން ކޮސްޓް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް ބުންޏެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ ހުށަހަޅަން ޖެހޭ އެމަޝްރޫއަށް އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ކުޑަކޮށް ހުށަހެޅޭނީ 180،000 ރުފިޔާ އެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކުން ފުރަތަމަ ފަސް އަހަރު އަކަފޫޓަކަށް މަދުވެގެން 25 ރުފިޔާ ދައްކަންޖެހޭ އިރު، މުޅި މަޝްރޫއަށް 22.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށް އެޗްޑީސީން ބުންޏެވެ.