އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ޑީއާރްޕީގެ ޓިކެޓު އެ ޕާޓީގެ ވަގުތީ ލީޑަރު އަދި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރަަށް ދިނުމަށް އެޕާޓީން ނިންމައިފިއެވެ.

ޑީއާރުޕީން މިގޮތަށް ނިންމީ އެ ޕާޓީގެ ހާއްސަ ކައުންސިލް ބައްދަލުވުމެއްގައެވެ.

ވަން އޮންލައިންއަށް ޖާބިރު މިއަދު ވިދާޅުވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަބަދުވެސް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި އިހުލާސްތެރިކަމާއެކު 22 އަހަރުވަންދެން މަޖިލިސް މެންބަރުކަން ކުރައްވާފައި ވުމާއި، ޕާޓީ ޓިކެޓު ދިނުމަށް ނިންމުމަކީ އޭނާ ރައީސުލްމްހޫރިއްޔާގެ މަގާމަށް ވާދަ ކުރުމަށް ޝަރުތު ފުރިހަމަވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ޓީކެޓް ޖާބިރަށް ދިނީ، އެއްޖިންސުން ގުޅުން ހިންގުމާއި، ޒިނޭ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މިހާރު އޮތް އިބްރާހިމް މިހައްމަދު ސޯލިހުގެ ސަރުކާރު ފެއިލްވުމާއި، ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހޭނީ އޭނާ އަށް ކަމަށްވާތި ކަމުގައިވެސް ޖާބިރު ވިދާޅުވިއެވެ.

"ޑީއާރުޕީން އެދެނީ ރައްޔިތުން އަތުން ޓެކްސް ނުނެގުމާއި، ރާއްޖޭގެ އުފެއްދުންތެރިކަން ނެތްތަނުން އުފައްދައިގެން، ލޮލީ ނުގިރުވާ ވިއްކި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ކެޕޭސިޓީ ހުންނާނެތީވެ ރާއްޖޭގެ އިގުތިސޯދު މިވަގުތު ދެމެހެއްޓޭނީ އަޅުގަނޑަށް ކަމަށްވާތީ،"

ޖާބިރު ވިދާޅުވީ ޑީއާރުޕީގެ ޝެޑޯ ކެބިނެޓު މިހާރު އެކުލަވައިލައިފައިވާ ކަމަށާއި، ރަނިން މޭޓަކަށް ވުމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަށް ދައުވާތު ދެއްވާފައިވާ ކަމަށެވެ. އެއީ ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ނާއިބު ރައީސްކަމަށް ގެނައުމުގެ މަގުސަދުގައި ކަމަށްވެސް ވިދާޅުވިއެވެ.

ޝެޑޯ ކެބިނެޓުގެ ބައެއް މަގާމުތަކާބެހެގޮތުން ޖާބިރު ވިދާޅުވީ، އޭނާގެ ދަރިކަނބަލުން އައިމިނަތު ޖާބިރަކީ ޑިފެންސް މިނިސްޓަރު، ކަމަށާއި، މުހައްމަދު ޖާބިރަކީ ހޯމް މިނިސްޓަރު ކަމަށާއި، އެޑިއުކޭޝަން މިނިސްޓަރުގެ ޕޯސްޓް މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ދަންނަވާފައިވާ ކަމަށެވެ.

ޖާބިރަށް ޑީއާރުޕީގެ ރިޔާސީ ޓިކެޓް ދީފައިވާއިރު، އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ޓިކެޓް ވަނީ ކުރީގެ ރައީސް އަބުދުﷲ ޔަމީނަށް ދެއްވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ހޯއްދެވުމަށް ކުރިމަތިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވެސް ވަނީ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމުގެ އިޝާރާތެއް ކުރައްވައިފައެވެ. އަދި ޕީއެންސީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ ވިދާޅުވެފައެވެ. ވެރިކަންކުރާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ.