ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން 2015 ވަނަ އަހަރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ބަދަލުވި، ފާތިމަތު އަޒީމާ/ މ. މަގުމަތީގެ އަށް ލިވިން އެލަވަންސް ދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެންގި އެންގުން ތަންފީޒުކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.
ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނަށް 2015 ވަނަ އަހަރު އަމަލުކުރަން ފެށުމާއެކު އެ ގާނޫނުގެ ދަށުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއި ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަން އުވާލައި އެ ދެތަނުގައި ތިބި މުވައްޒަފުން ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ބަދަލުކޮށްފައެވެ. އޭގެ ތެރެއިން ފާތިމަތު އަޒީމާއަކީ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު އަދާކުރަމުން ދަނިކޮށް ބަދަލުކުރި މުވައްޒަފެކެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ބަދަލުކުރި މުވައްޒަފުންގެ ތެރެއިން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަދަލުކުރި މުވައްޒަފުންނަށް މުސާރައިގެ އިތުރުން ލިިވިން އެލަވަންސްގެ ގޮތުގައި މަހަކު 4،000 ރުފިޔާ ދެމުން ގެންދެއެވެ. ނަމަވެސް އެ އެލަވަންސް ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަނުން ބަދަލުކުރި މުވައްޒަފުންނަކަށް ނުދެއެވެ.
އެހެންވެ އަޒީމާގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ، މުވައްޒަފުންނާމެދު ތަފާތުކުރުން ނުގެންގުޅެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވަނިކޮށް އެގޮތަށް ކަންތައްކުރުމަކީ ގާނޫނާ ހިލާފުވުން ކަމަށް ކަނޑައަޅައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް އޭނާއަށް ލިބިފައިނުވާ ލިވިން އެލަަވަންސް ދޫކޮށް ދިނުމަށާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބަދަލުވި މުވައްޒަފުންނެކޭ އެއްގޮތަށް މަހުން މަހަށް އެ އެލަވަންސް އޭނާއަށްވެސް ދެމުން ގެންދިއުމަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލަ ބެލުމަށްފަހު 30 ޑިސެމްބަރު 2021 ގައި ޓްރައިބިއުނަލުން ވަނީ ލިވިން އެލަވަންސަކީ މުވައްޒަފުން ތަފާތުނުކޮށް ދޭންޖެހޭ އެއްޗެއް ކަމަށް ކަނޑައަޅައިފައެވެ. އަދި މިހާތަނަށް އޭނާއަށް ނުލިބިވާ ލިވިން އެލަވަންސްގެ ފައިސާ 21 ދުވަހުގެ ތެރޭގައި ދިނުމަށްވެސް އަމުރު ކޮށްފައިވެއެވެ.
ނަމަވެސް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގައި ހައިކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދުނެވެ.
އެހެންކަމުން އިސްތިއުނާފަށް ހުށަހަޅާފައިވާ މައްސަލައިގައި ހައިކޯޓުން ހުކުމްކުރުމުގެ ކުރިން ނުވަތަ އެކަމަށް ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން އެ ނިންމުން ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު