ޚަބަރު

މަޖިލީހުގެ ޖަލްސާތައް ފެށުމުން ގްރީން ޓެކުހާ ގުޅޭ އޮޅުން އިސްލާހުކުރަން ފޮނުވަނީ

އަލީ ޔާމިން

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށުމުން، އެންމެ އަވަހަށް މަޖިލީހަށް ހުށަހަޅާނީ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ނުބައި ތާރީހެއް ޖެހިފައި އޮތް އޮތުން އިސްލާހުކުރުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިދިޔަ ޖޫން މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ ތިން ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމާބެހޭ ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައި ބުނެފައި ވަނީ ގްރީން ޓެކްސް ނަގަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. އެހެންކަމުން މިހާރު އެ ގާނޫނުގައި އޮތް ގޮތުން މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ގްރީން ޓެކްސްއެއް ނުނެގޭނެއެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު މައުސޫމް މިއަދު ވިދާޅުވީ، ގްރީން ޓެކްސް ހިމަނައިގެން ފޯކާސްޓްތައް ކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސާކިއުލާއެއް މިއަދު ފޮނުވާފައިވާ ކަމަށެވެ. އަދި މަޖިލިސް ފެށުމާއެކު އެންމެ އަވަހަށް ކުރާނެ މަސައްކަތަކީ ޓޫރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައިވާ އޮޅުން ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް. އެއީ ދައުލަތުންވެސް ބޭނުން ނުވާނެ މިފަދަ ދަތި ދަނޑިވަޅެއްގައި ދައުލަތަށް ލިބެން އޮތް އާމްދަނީއެއް ހުއްޓިފައި އޮތުމަކަށް،" މައުސޫމް ވިދާޅުވިއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ދައުލަތަށް ބޮޑު އާމްދަނީއެއް ލިބެއެވެ. އެގޮތުން މި އަހަރުގެ ޖޫން މަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީގެ 4.8 ޕަސަންޓަކީ ގްރީން ޓެކުހެވެ. އެ މުއްދަތުގައި ގްރީން ޓެކުހުން ދައުލަތަށް ވަނީ 547 މިލިއަން ރުފިޔާ ލިބިފައެވެ. އެހެންކަމުން، ގްރީން ޓެކްސްއިން ދައުލަތަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީން 300-400 މިލިއަން ރުފިޔާ މަދުވާނެ ކަމަށް ބެލެވެއެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ރެއަކާއި ދުވާލަށް ހަ ޑޮލަރެވެ. ރަށްރަށުގައި ހަދާފައިވާ 50 ކޮޓަރިއަށް ވުރެ ކުދި ތަންތަނުން ނަގާނީ ތިން ޑޮލަރެވެ.