ބިސްގަނޑެއް އަޅައިދޭން ބުނުމުން ހިނގި ދެބަސްވުމެއްގައި މަރާލި ކައްކާގެ ޕޯސްޓުމޯޓަމް ރިޕޯޓު ޕްރިލިމިނަރީ ހެެއްކެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފިއެވެ.
މި މައްސަލައަކީ 10 ޖަނަވަރީ 2019 ގައި އެއްލައިދޫ ރިސޯޓުގެ ކައްކާއަކަށް އުޅުނު ލަންކާ ރައްޔިތެއް ކަމަށްވާ ޕަތުމް ދިލްޝަންގެ ކައިރީގައި ބިސްގަނޑެއް އަޅައިދިނުމަށް އެ ރިސޯޓުގައި މަސައްކަތްކުރާ ހަމަ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ އެދުމުން ހިނގި ދެބަސްވުމެއް މާރާމާރީއަކަށް ބަދަލުވެގެން ގޮސް ވަޅިއަކުން ޕަތުމްއަށް ހަމަލާދީ މަރާލާފައިވާތީ ކުރާ ދައުވާއެކެވެ.
މި މައްސަލަައިގައި ޖަޔަލަތުއަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ އެ މާރާމާރީގައި ޕަތުމް މަރާލީ، ހައެއްކަ އިންޗީގެ ވަޅިއެއް އޭނާގެ ކަރުން ތިރިއަށް މޭމައްޗަށް ހަރާލައިގެން ކަމަށެވެ. އެ ހަމަލާއާ ގުޅިގެން ޕަތުމް މަރުވީ އެއްލައިދޫ ރިސޯޓުގެ ކްލިނިކު ތެރޭގައި ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގައި މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި އެ މައްސަލައިގައި ތޫނު އެއްޗަކުން ހަމަލާދީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ޖަޔަލަތު (42 އ)ގެ ފަރާތުން ވަނީ، ޕަތުމްގެ ޕޯސްޓުމޯޓަމް ރިޕޯޓް ހެއްކެއްގެ ގޮތުގައި ބަލައިނުގަތުމަށް އެދިފައެވެ.
މި ހާދިސާއާ ގުޅިގެން ޖަޔަލަތު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން އދ. މަހިބަދޫ ކޯޓަށް ގެންދިއުމުން އޭނާގެ އަތުން ޕަތުމް މަރުވި ކަމަށް ވަނީ އިއުތިރާފުވެފައެވެ. އަދި ފުލުހުންނަށްވެސް އިއުތިރާފު ބަޔާނެއް ދިނެވެ. ނަމަވެސް ފަހުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވުމުން ދައުލަތުން ނިންމީ ހެކި ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި ދައުލަތުން ވަނީ ޕަތުމް ދިލްޝަންގެ ޕޯސްޓުމޯޓަމް ރިޕޯޓެއް ހުށަހަޅާނެ ކަމަށް ކުރިން ބުނެފައެވެ. އެ ޕޯސްޓުމޯޓަމް ހަދާފައި ވަނީ ލަންކާގެ ހޮސްޕިޓަލަކުންނެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ދީނާބާޒް ފަހުމީ ވަނީ، ޕޯސްޓުމޯޓަމް ރިޕޯޓުގެ ޕްރިލިމިނަރީ ހެއްކެއްގެ ގޮތުގައި ބަލައިގަންނަން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ޕޯސްޓްމޯޓަމްގެ ފުރިހަމަ ރިޕޯޓް ހުށަހެޅުމުން އެއާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ވަނީ ގޮތެއް ނިންމައިފައެވެ. އެގޮތުން އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި އއ. މަހިބަނދޫ މެޖިސްޓްރޭޓް ކޯޓުން އޭރު ނެގި ބަޔާން ބަލައިގަތުމަށާއި ފުލުހުން ތައްޔާރުކުރި ރިޕޯޓް ބަލައިގަތުމަށް ނިންމަވާފައިވެއެވެ. އޭގެ އިތުރުން ދިިފާއުން ހުށަހަޅާފައިވާ ކަންކަމަކީ މި މަރުހަލާގައި ގާނޫނީ ގޮތުން ބަލައިގަނެވޭނެ ހުށަހެޅުންތަކެއް ނޫން ކަމަށްވެސް ވަނީ ނިންމަވައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ޖަޔަލަޔުގެ ފަރާތުން ދެ ވަކީލަކު ބައިވެރިވިއެވެ. އެއީ ދައުލަތުން ހަމަޖައްސައި ދިން ވަކީލް އަލީ އަހުމަދު ލަތީފާއި އެ މައްސަލައިގައި ޖަޔަލަތު އަމިއްލައަށް އައްޔަންކުރި ވަކީލް އިބްރާހިމް ޝިޔާމެވެ.
ގާޒީ ދީބާނާޒް ވަނީ ދެ ވަކީލަކު ތިބުމުން މައްސަލަ ކުރިއަށްގެންދިއުމުގައި ބައެއް ދަތިތައް ހުރިކަން ފާހަގަކުރައްވައި ޖަޔަލަތަށް ކޮންމެވެސް އެއް ވަކީލަކު އިހުތިޔާރުކުރުމުގެ ފުރުސަތު ދެއްވައިފައެވެ. އެ ފުރުސަތުގައި ޖަޔަލަތު ވަނީ އޭނާ ބޮޑަށް ބޭނުންވަނީ ވަކީލް ޝިޔާމްއާއެކު ކުރިއަށްދާން ކަމުގައި ބުނެފައެވެ. ނަމަވެސް އެކަމާ ވިސްނާލުމަށްފަހު ޖަވާބެއް ދޭނެ ކަމަށް އޭނާ ބުންޏެވެ.
އެ މައްސަލައިގައި ހުށަހެޅި ހުށަހެޅުންތަކާމެދު ގޮތެއް ނިންމެވުމަށްފަހު ގާޒީ ދީބާނާޒް ވިދާޅުވީ، އެ މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ އެ މައްސަލައިގެ ޝަރީއަތް ފެށުމެވެ. އަންނަ ސެޕްޓެމްބަރު ފަހުކޮޅުގައި ނުވަތަ އޮކްޓޯބަރު މަހު ކުރީކޮޅުގައި އެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުންތައް ކުރިއަށްގެންދަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު